ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސް ދުވަހަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ރާއްޖެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު މިދިޔަ އަހަރުގެ މާޗް މަހުގައެވެ. މިއީ މި މުއްދަތު އިތުރުކުރި 13 ވަނަ ފަހަރެވެ. ގައުމު އެ ހާލަތުގައި އޮންނަތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުުރު ކޮށްފައިވަނީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންކަމަށެވެ. އެހެން ކަމުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު 4 މޭ އާ ހަމައަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރީ ކޮވިޑްގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށްވެސް ބަޔާނުގައިވެއެވެ.
ރާއްޖޭގައި ކޮވިޑް-19 އުޅޭތާ އަހަރަކަށް ވުރެ ދުވަސްވެފައިވާއިރު މިހާތަނަށް މި ބަލީގެ ތިން ރާޅު ވަނީ ދިވެހިންގެ ތެރޭގައި ފެތުރިފައެވެ. އެގޮތުން އެންމެ ފުރަތަމަ މާލެއިން ފެނުނު ކޭސްއަށް ފަހު މާލެ ލޮކްޑައުން ކޮށް ލޮކްޑައުން އިން ހުޅުވާލި ފަހުން ކޭސްތައް ވަރަށް ބޮޑަށް އިތުރުވިއެވެ. އޭގެ ފަހުން ކޭސްތަކުގެ އަދަދު 50ން ވެސް ދަށުގައި އޮންނަތާ ދުވަސްތަކެއް ފަހުން މި އަހަރުގެ ޖެނުއަރީގައި އަނެއްކާ ވެސް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު އޭގެ ސަބަބުން އެކަން ކޮންޓްރޯލްކުރުމަށް ޓަކާ ވަރަށް ހަރުކަށި ފިޔަވަޅުތައް ވެސް އެރިއެވެ.
ތިން ވަނަ ރާޅަކަށް ފަހު ކޭސްތަކުގެ އަދަދުތައް އަނެއްކާ ވެސް މަޑުމަޑުން ދަށްވާން ފަށާފައިވާއިރު ފިޔަވަޅުތަކަށް ވެސް އެޗްޕީއޭއިން އަންނަނީ ލުއި ދެމުންނެވެ. އެކަމަކު މިހާރު އަތޮޅުތެރެއިން ފެންނަ ކޭސްތަކުގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ރާއްޖޭގެ އުތުރުގައި ކޮވިޑް-19ގެ ބޮޑެތި ކްލަސްޓަރތަކެއް ވަނީ ފެތުރިފައެވެ.