ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 00:13
ރައީސް އިބްރާހިމް ސޯލިހު، ކައުންސިލް މެމްބަރުތަކަކާއި ބައްދަލުކުރައްވަނީ
ރައީސް އިބްރާހިމް ސޯލިހު، ކައުންސިލް މެމްބަރުތަކަކާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ކައުންސިލްތަކަށް ވިޔަފާރިކުރެވޭނެ މަގު
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ވިޔަފާރިކުރެވޭނެ މަގު ތަނަވަސްކޮށް ދީފި
 
އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދަން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނަން ޖެހެނީ 20 އިންސައްތައަށް
 
އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުސަތު ވެސް ލިބޭ
 
އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލުތަކުން ގުޅިގެން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ފުރުސަތު ލިބިގެންދާނެ

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ވިޔަފާރިކުރެވޭނެ މަގު ތަނަވަސްކޮށް ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށާއި، ކައުންސިލްގެ ދާއިރާގެ ތެރޭގައި އިގްތިސޯދީ ހަރަކާތްތައް ހިންގުމަށް (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން 'ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު' އެކުލަވާލައި ގެޒެޓުކުރެވިފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ގަވާއިދުގެ ދަށުން، އެއް ކައުންސިލުން ނުވަތަ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލުތަކުން ގުޅިގެން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ފުރުސަތު ލިބިގެންދާ ކަމަށާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުސަތު ވެސް ލިބޭ ކަމަށެވެ.

އެގޮތުން، އަމިއްލަ ފަރާތްތަކާއިއެކު، ވިޔަފާރިކުރުމަށް އެދި ހުށަހަޅާއިރު، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ހިނގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމާއި، ވަޒީފާ އުފެދޭނެ މިންވަރު ބެލުމާއި، އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު ދެނެގަތުން ފަދަ ކަންކަމަށް ރިއާޔަތްކޮށް، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި، އަމިއްލަ ފަރާތަކާއިއެކު ވިޔަފާރިކުރުމަށް އެދޭނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާ ނިންމުން ހުށަހެޅުމަށް ކައުންސިލްތަކަށް ލާޒިމުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދަން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނަން ޖެހެނީ، 20 އިންސައްތަ އަށް ވުރެ އިތުރުނުވާނެ މިންވަރަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާރު ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރިތަކުގެ ތެރެއިން، ކައުންސިލުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގުތިސޯދީ ހަރަކާތްތައް ހިންގުމަށް ބޭނުންވާނަމަ، ކުރިއަށް އޮތް 9 މަސް ދުވަހުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ ކަމަށެވެ.  

މި ގަވައިދުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދަން ފުރުސަތު ލިބުމުން، ރާއްޖޭގެ އިގުތިސޯދު ލާމަރުކަޒީކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިނާއަތްތައް ތަރައްގީ ކުރުމަށް ކައުންސިލުތައް ބާރުވެރިކުރެވި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ގަވައިދު މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ޝާއިއުކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
50%
0%
50%
0%
0%
ކޮމެންޓް