ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 07:04
ޅ. ނައިފަރު- ކޮވިޑްގެ ގިނަ ކޭސްތަކެއް ވަނީ ފެނިފައި
ޅ. ނައިފަރު- ކޮވިޑްގެ ގިނަ ކޭސްތަކެއް ވަނީ ފެނިފައި
ދަ އެޑިޝަން
ކޮވިޑް-19 ޅ އަތޮޅުގެ ހާލަތު
މިވަގުތު އެންމެ ބޮޑަށް އިސްކަން ދެނީ ގިނަ ރައްޔިތުންނަށް ވެކްސިން ދިނުމަށް: ޅ އަތޮޅު ހޮސްޕިޓަލް މެނޭޖަރ
އެންމެ އިސްކަމެއްދީގެން ވެކްސިން ޖަހާނީ މަސްވެރިންނަށް
ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިތިބި މީހުންނަށް ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ތިން ދުވަސްފަހުން ކުރިޔަށް ގެންދާނެ
ޅ އަތޮޅުން 161 މީހަކު ވަނީ ޕޮޒިޓިވްވެފައި

ޅ އަތޮޅުގައި މިވަގުތު ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާއިރު އެންމެ ބޮޑަށް އިސްކަމެއް ދެނީ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށްކަމަށް ޅ އަތޮޅުގެ ހޮސްޕިޓަލްގެ މެނޭޖަރ ޖައުފަރު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޅ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު(އީއޯސީ)ން ކުރިޔަށްގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގައި ވާހަކަދައްކަވަމުން ޖައުފަރު ވިދާޅުވީ މިހާތަނަށް އައިއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް ފުރަތަމަ ޑޯޒް ޖެހުމުގެ ކަންކަން ހޮނިހިރު ދުވަހު އެހޮސްޕިޓަލްގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރާ ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއްދީގެން ވެކްސިން ޖަހާނީ މަސްވެރިންނަށްކަމަށް ޖައުފަރު ވިދާޅުވިއެވެ. މިހާތަނަށް އައިއިރު އަދި 109 މަސްވެރިއަކު ވެކްސިން ނުޖަހާ އެބަތިބި ކަމަށް ޖައުފަރު ވިދާޅުވިއެވެ.

މީގެއިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިތިބި މީހުންނަށް ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ތިން ދުވަސް ފަހުން ކުރިޔަށް ގެންދާނެކަމަށް ޖައުފަރު ވިދާޅުވިއެވެ. ފުރަތަމަ ޑޯޒް ދޭއިރު އެންމެ ފުރަތަމަ ދޭނީ ކޮވިޝީލްޑް ވެކްސިންކަމަށާއި އެއަށްފަހު ސިނޯފަރމް ވެކްސިން ދެމުން ގެންދާނެކަމަށް ޖައުފަރު ވިދާޅުވިއެވެ.

ޅ އަތޮޅުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް ވަނީ ކޮވިޑްގެ ކޭސްތައް ފެނިފައެވެ. އެގޮތުން 161 މީހަކު ވަނީ މިހާތަނަށް އައިއިރު އެއަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރަމުން އަންނަނީ ނައިފަރުންނެވެ. އެއީ 122 މީހުންނެވެ. އެއަށްފަހު ހިންނަވަރުންނެވެ. އެރަށުން 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކުރެންދޫން 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޮޅުވެލިފުށިން 13 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.


Advertisement
- ކޮމެންޓް