ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 03:18
ޅ. ހިންނަވަރު - ޅ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވަނީ ކޮވިޑްގެ ކޭސްތައް ފެނިފައި
ޅ. ހިންނަވަރު - ޅ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވަނީ ކޮވިޑްގެ ކޭސްތައް ފެނިފައި
އެމްޓީސީސީ
ކޮވިޑް-19 ޅ އަތޮޅުގެ ހާލަތު
ޅ އަތޮޅުން ޕޮޒިޓިވްވި މީހުންގެ އަދަދު 161ށް
ނަތީޖާ ނުލިބޭ 315 ސާމްޕަލެއްވޭ
މުޅި ޅ އަތޮޅުން ވަނީ 2341 ސާމްޕަލެއް ނަގާފައި
މިހާތަނަށް އެކަކު ވަނީ ޅ އަތޮޅުގައި މިބަލީގައި ނިޔާވެފައި

ރާއްޖޭގައި މިވަގުތު ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވެފައިވާ ޅ އަތޮޅުގައި ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 161ށް އަރާފައިވާކަމަށް ޅ އަތޮޅު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު(އީއޯސީ)ން ހާމަކޮށްފިއެވެ.

ޅ އަތޮޅު އީއޯސީން ހުކުރު ދުވަހުގެ ރޭ ވަނީ އެއަތޮޅުގެ ކޮވިޑްގެ ހާލަތާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ. މިސެޝަންގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މުޅި ޅ އަތޮޅުން ވަނީ 2341 ސާމްޕަލެއް ނަގާފައެވެ. މީގެތެރެއިން އަދި ނަތީޖާ ނުލިބޭ 315 ސާމްޕަލެއްވެއެވެ. ޅ އަތޮޅުން މިހާތަނަށް އައިއިރު ވަނީ ކޮވިޑް ޖެހިގެން އެކަކު ނިޔާވެފައެވެ. މުޅި ޅ އަތޮޅުގައި 363 ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ޕޮޒިޓިވް މީހުންނާއި އެމީހުންނާއި ކޮންޓެކްޓްވުމުގެ ސަބަބުން 1197 މީހަކު ވަނީ އެއަތޮޅުގައި އައިސޮލޭޝަންގައެވެ.

ޅ އަތޮޅުގެ ހުރިހާ ރަށަކުންވެސް ވަނީ ކޮވިޑް ފެނިފައެވެ. ވަކިވަކި ރަށްތަކުގެ އަދަދުތަކަށް ބަލާލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރަމުން އަންނަނީ ވެރިކަންކުރާ ރަށް ނައިފަރުންނެވެ. އެއީ 122 މީހުންނެވެ. އެރަށުން 1406 ސާމްޕަލެއް ނަގާފައިވާއިރު ނަތީޖާ ނުލިބޭ 47 ސާމްޕަލެއްވެއެވެ. ނައިފަރުގެ 215 ގެއެއް ކަރަންޓީނުކޮށްފައިވާއިރު އައިސޮލޭޝަންގައި 1000 މީހަކު އެބަތިއްބެވެ. ނައިފަރުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު މަރޗް މަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަނީ ޒަރޫރީ ބޭނުންތަކަށް ނޫނީ މަގުމައްޗަށް ނިކުމެ ނޫޅެވޭ ގޮތަށް ނިންމައި ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ކޮވިޑްގެ ކޭސްތަކެއް ފެނުމުގެ ސަބަބުން ނައިފަރު މޮނިޓަރިންގ އަށް ލާފައިވަނީ މަރޗް މަހުގެ 23 ވަނަ ދުވަހުއެވެ. އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ރަށު ހޮސްޕިޓަލުގެ މުވައްޒަފެކެވެ.

ޅ އީއޯސީން ކުރިޔަށްގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަންގައި ވާހަކަދައްކަވަމުން ޅ އަތޮޅުގެ ހޮސްޕިޓަލްގެ މެނޭޖަރ ޖައުފަރު އަބްދުﷲ ވިދާޅުވީ ޕޮޒިޓިވް މީހުންނާ ދިމާވެ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ބައެއް މީހުންނާއި މޮނިޓަރިންގ އަށް ލާފައި ހުންނަ ބައެއް ގެތަކުގެ މީހުން ބޭރުތެރޭގައި އުޅޭކަން ފާހަގަވަމުންދާކަމަށެވެ. އެހެންކަމުން ހުކުރު ދުވަހުން ފެށިގެން ޕޮޒިޓިވް ކޭހަކާއި ގުޅިގެން ކޮންޓެކްޓްވެފައިވާ ފަރާތްތައް ދިރިއުޅޭ ގެތައްވެސް މޮނިޓަރިންއަށް ލަމުން ގެންދާނެކަމަށާއި މިކަމަށް ރައްޔިތުން އިތުރަށް ސަމާލުވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

ހިންނަވަރަށް ބަލާއިރު އެރަށުން ޕޮޒިޓިވްވެފައިވަނީ 23 މީހެކެވެ. ހިންނަވަރުން 351 ސާމްޕަލެއް ނަގާފައިވާއިރު ނަތީޖާ ނުލިބޭ 12 ސާމްޕަލެއްވެއެވެ. ހިންނަވަރުގެ 90 ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެ. އަދި އައިސޮލޭޝަންގައި 23 މީހަކު އެބަތިއްބެވެ. ހިންނަވަރުން ކޮވިޑްގެ ކޭސްތައް ފެނުމާއެކު އެރަށް މޮނިޓަރިންގއަށް ގެނެސްފައިވަނީ މަރޗް މަހުގެ 27 ވަނަ ދުވަހުއެވެ.

ޅ އަތޮޅުން އެންމެ ފަހުން ކޮވިޑްގެ ކޭސްތައް ފެނުނު ކުރެންދޫން 3 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެރަށުން ޖުމްލަ 277 ސާމްޕަލެއް ނަގާފައިވާއިރު އަދި ނަތީޖާ ނުލިބޭ 114 ސާމްޕަލެއްވެއެވެ. ކުރެންދޫން 33 ގެއެއް ކަރަންޓީނުކޮށްފައިވާއިރު 46 މީހުން ތިބީ އައިސޮލޭޝަންގައެވެ.

އޮޅުވެލިފުއްޓަށް ބަލާއިރު އެރަށުން 307 ސާމްޕަލެއް ނަގާފައިވާއިރު މީގެތެރެއިން 13 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. ނަތީޖާ ނުލިބޭ 142 ސާމްޕަލެއްވެއެވެ. ކަރަންޓީނުގައި 25 ގެއެއް ހުރިއިރު އައިސޮލޭޝަންގައި 128 މީހަކު އެބަތިއްބެވެ.

ޅ އަތޮޅުގައި ކޮވިޑްގެ ކޭސްތައް ފެތުރެމުންދާތީ އެޗްޕީއޭގެ ޓީމެއް އަންނަނީ އެއަތޮޅުގައި ހަރަކާތްތެރިވަމުންނެވެ.


Advertisement
- ކޮމެންޓް