ފާއިތުވި ދެ ދުވަހާ އަޅާބަލާއިރު ހުކުރު ދުވަހު ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަވީރު 06:00ން ފެށިގެން ހުކުރު ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑަށް 3،044 މީހުންގެ ޓެސްޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 169 މީހުންނެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 67 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން 65 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 29 މީހުން ޕޮޒިޓިވްވެފައިވާއިރު، ސިނާއީ ރަށްތަކުން 8 މީހުން ޕޮޒިޓިވްވެފައިވެއެވެ.
އިތުރު 169 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 24،548ށް އަރައިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 3،104 ގައި އުޅޭއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 89 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މި ބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެފައިވާއިރު، 21،368 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، އަތޮޅުތެރެއިންނާއި ސިނާއީ ރަށްތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.