ކޮންމެ ވޯޓު ކަރުދާހެއްގައި ޚާއްސަ ތައްގަނޑެއް ޖަހާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ކޮންމެ ވޯޓު ކަރުދާހެއްގައި ޚާއްސަ ތައްގަނޑެއް ޖަހާނެ ކަމަށެވެ. ފުއާދު ވިދާޅުވީ، މިއީ މީގެ ކުރިން އިލެކްޝަނުން ބޭނުންކުރާ ތައްގަނޑެއް ނޫން ކަމަށާއި، މިއި ޚާއްސަކޮށް އިންތިޚާބަށް ބޭނުންކުރާ ތައްގަނޑެއް ކަމަށެވެ.
މީގެިއތުރުންވެސް ސެކިއުރިޓީ ފީޗަރސްތައް ވޯޓު ކަރުދާހުގައި ހިމަނާފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންނަމެސް އެކަމުގެ ތަފްސީލެއް ފުއާދު ނުދެއްވައެވެ. ވޯޓު ގުނުމުގައި ސައްޚަ ވޯޓު ކަރުދާހެއްތޯ ޔަގީން ކުރުމަށް ފުރަތަވެސް ބަލާނީ ކަރުދާހުގައި ޖަހާފައިވާ ޚާއްސަ ތައްގަނޑަށް ކަމަށް ފުއާދު ވިދާޅުވިއެވެ.
ވޯޓު ކަރުދާސްތައް ޗާޕްކޮށް ނިމި، މިހާރު ކުރިއަށްދަނީ ރަށްރަށަށް ފޮނުވާ ވޯޓު ކަރުދާސްތައް ޕެކްކުރުމުގެ މަސައްކަތްކަންް ފާހަގަ ކުރައްވަމުން ފުއާދު ވިދާޅުވީ، ހުރިހާ ކަރުދާހެއްވެސް ޗާޕްކުރީ ރާއްޖޭގައި ކަމަށެވެ. އަދި ވޯޓު ކަރުދާހުގައި ހުންނަން ނުޖެހޭ އިތުރު އެއްވެސް ކުރެހުމެއް ލިޔުމެއް ނުހުންނާނެ ކަމުގެ ޔަގީންކަން ފުއާދު އެއްވިއެވެ.
ކޮމިޝަނުން ޖާދޫގެ ގަލަމެއް ބާއްވާ ކަމަށް ކުރީގެ އިންތިޚާބުތަކުގައި ދެކެވުނު ވާހަކަތަކަށް އިޝާރަތް ކުރައްވާ ފުއާދު ވިދާޅުވީ، މިފަހަރު ކޮންމެ މީހަކަށްވެސް އަމިއްލަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.
އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްދަނީ، ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ކަމަށް ފުއާދު ވިދާޅުވިއެވެ. ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުންނަށް ސޮއިކުރުމުގެ ފުރުސަތު ހުކުރު ދުވަހުގެރޭ 10:30ށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާ މީހުންވެސް ވޯޓުލުމުގެ ހައްގުން މަހުރޫމުވިޔަ ނުދީ، އެމީހުންނަށްވެސް ވޯޓުލެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އެގޮތުން ވޯޓުލާ ދުވަހުގެ ހަވީރު 5:00ން ފެށިގެން އެހީތެރިޔަކާއެއްކޮށް ވޯޓުލެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. ފުއާދު ވިދާޅުވީ، ވޯޓުލުން ކުރިއަސްދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއެކު ކަމަށެވެ.
ފުއާދު ވިދާޅުވީ، ވޯޓުގެ ވަގުތީ ނަތީޖާތައް ލިބެން ފަށާނެކަމަށް ބަލަނީ އެދުވަހުގެރޭ 8:00 އެހާއިރުކަމަށެވެ. ވޯޓުލާ މަރުކަޒުތަކުގައި ވަގުތީ ނަތީޖާ އިއުލާން ކުރުމާއެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ނަތީޖާ ފެންނަން ހުންނާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ގިނަ ދާއިރާތަކުގެ ވޯޓުފޮށި 5:00 ޖަހާއިރު ބަންދުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފުއާދު ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އެހެން އިންތިޚާބުތަކާ ޚިލާފަށް މި އިންތިޚާބުގައި ވޯޓު ފޮށި ގިނަ ނަމަވެސް އެއް ފޮށްޓަކަށް ވޯޓުލާ މީހުން މަދު ކަމަށެވެ. ފޮށްޓަކަށް ގިނަވެގެން ވޮޓުލާނީ 500މީހުން ކަން ފުއާދު ފާހަގަ ކުރެއްވިއެވެ.
އިންތިޚާބާ ގުޅޭ ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ޝަކުވާހުށަހެޅޭނެ ކަމަށާއި، އިންތިޚާބު އޮންނަ ދުވަހު ޝަކުވާއެއް އޮތްނަމަ ވޯޓު ފޮށީގެ ވެރިޔާއަށް އެ ޝަކުވާ ހުށަހެޅުމުން ކޮމްޕްލެއިންޓްސް ބިއުރޯއިން އެކަން ބަލާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުންކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް އީސީ ވަނީ ބުނެފައެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް 10 ވަނަ ދުވަހެވެ.