ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 23:45
ކޮވިޑް-19 ވެކްސިން ޖެހުން
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް
ވެކްސިން އަޕްޑޭޓް
ބުރާސްފަތި ދުވަހު 3000ށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި
އަންނަ ހޮނިހިރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނެ
ބުރާސްފަތި ދުވަހު ރާއްޖެއިން 3057 މީހުން ވެކްސިން ޖަހާފައިވޭ

ބުރާސްފަތި ދުވަހު 3057 މީހުން ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހު ރާއްޖެއިން 3،057 މީހުން ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 1،053 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 2،004 މީހުން ވެކްސިން ޖަހާފައިވެއެވެ.

އިތުރު 3،057 މީހުން ވެކްސިން ޖެހުމާއިއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 240،773ށް އަރައިފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 132،044 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި 108،729 މީހުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން އެއް ފަށާފައިވާއިރު އޭރު ރާއްޖޭގައި ބޭނުންކުރީ ހަމައެކަނި އިންޑިއާއިން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިންއެވެ. އެ ވެކްސިން ދެ ލައްކަ މީހުންނަށް ޖަހާފައިވާއިރު މިހާރު ބޭނުންކުރަމުން އަންނަނީ ޗައިނާގެ ސިނޮފާމް ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިންއެވެ.

ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން މި އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް ފަށާއިރު މެއި މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކުރުމަށް ފަހު ދަތުރުފަތުރުކުރުމުގައި ލުއިތަކެއް ލިބޭއިރު ދެވަނަ ޑޯޒް ޖެހުމަށްފަހު ކަރަންޓީނުނުވެ ދަތުރުކުރެވޭނެ ކަމަށާއި ބައިނަލްއަގްވާމީ ގޮތުން ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށާއި އަތޮޅުތެރޭގައި ވެސް ދަތުރުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގެ ކެމްޕޭން ކުރިއަށް ގެންދަނީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނެކޭ އެއްފަދައިން ބިދޭސީންނަށް ވެސް ހިލޭ ވެކްސިން ލިބޭ ގޮތަށެވެ. އެގޮތުން ރާއްޖޭގައި ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންނަށް ވެސް ރެޑް ކްރެސެންޓްގެ އިސްނެގުމުގެ މަތިން މިހާރު އަންނަނީ ވެކްސިން ދެމުންނެވެ.

ވެކްސިން ޖަހަން ފަށާފައިވާތާ މިހާރު ދެމަސްވާއިރު އަދިވެސް މިކަމަށް އެންމެ އެކަށީގެންވާ ވަަރަށް ތަރުހީބު ނުލިބޭ ކަމަށް އެޗްޕީއޭއިން އަންނަނީ ބުނަމުންނެވެ. އެގޮތުން މި ބަލިން ރައްކާތެރިވެ ހަރޑް އިމިއުނިޓީއާ ހަމައަށް ދެވޭނީ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިން ޖަހައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

- ކޮމެންޓް