ރާއްޖެއިން އެއް ދުވަހާ ރެކޯޑު އަދަދަކަށް މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހުގެ ހަވީރު 06:00ން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 3،625 މީހުން ކޮވިޑަށް ޓެސްޓުކޮށްފައިވާއިރު އޭގެ ތެރެއިން 300 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބައްޔަށް ޕޮޒިޓިވްވި 300 މީހުންގެ ތެރެއިން 94 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، 96 މީހުން އަތޮޅު ތެރެއިން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވެފައިވާއިރު، ސިނާއީ ރަށްތަކުން 95 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އިތުރު 300 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 24،379ށް އަރައިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 3،022ށް އަރައިފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 101 މީހުނަށް އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިބަލީގައި 67 މީހުން ނިޔާވެފައިވާއިރު، 21،282 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބައްޔަށް ރެކޯޑު އަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވްވާ މީހުންގެ އަދަދު އަތޮޅު ތެރޭގައި އިތުރުވެފައިވާއިރު، މުޅި ފާދިއްޕޮޅު އަތޮޅަށް ބަލި ވަނީ ފެތުރިފައެވެ.