އިންޑިއާގެ ކަރްނަޓަކާ ފިލްމް ފެސްޓިވަލްގައި ރާއްޖޭގެ ދެ ފިލްމެއް ބައިވެރިކުރަން ކަނޑައަޅާފައިވާ ކަމަށް މޯލްޑިވްސް ސޮސައިޓީފޯ ޕަރފޯމިންގ އާޓްސް (އެމްއެސްޕީއޭ)ގެ މިދައުރުގެ ޗެއަރމަން މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އެމްއެސްޕީއޭއާއި އިންޑިއަން ކަލްޗަރ ސެންޓަރ އެންޑް ފްރެންޑްޝިޕް އެސޯސިއޭޝަނުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ތަމްސީލު ކުރުމަށްޓަކައި ދިހަ މެންބަރުންގެ އިންޑިއާއަށް ދަތުރު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ އެމްއެސްޕީއޭއިން ކަރްނާޓާކާ އެކަޑަމީއާއި ގުޅިގެން މިފަދަ ޕްރޮގްރާމެއް ހިންގަމުން ދިއުމުގެ ސަބަބުން ދިވެހި ފިލްމަކަށް އިންޑިއާގައި ބާއްވާ ފިލްމް ފެސްޓީވަލެއްގައި ބައިވެރިވުމުގެ ފުރުސަތުލިބި ގިނަ ކާމިޔާބީތަކެއް ލިބުމަށް މަގުފަހިވެގެން ދާ ކަމަށެވެ.
އަދި މި ކަމަކީ އެމްއެސްޕީއޭއިން ކޮށްފައިވާ ވަރަށް ގިނަގުނަ ބުރަ މަސައްކަތުގެ ނަތީޖާކަމަށް އަމްޖަދު ފާހަގަކުރެއްވިއެވެ. އަދި މުސްތަގުބަލުގައި އެކަޑަމީއާއި ގުޅިގެން އިތުރު ފުރުސަތުތަކެއް ރާއްޖޭގެ ފިލްމް އިންޑަސްޓްރީއަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަރްނަޓަކާ ފިލްމް އެކަޑަމީގެ ރައީސް ޑޮކްޓަރ މަޚްތޫމް ހުސެއިން ވިދާޅުވީ ރާއްޖޭގެ ފިލްމީ ތަރިންނަކީ ހުނަރުވެރި ބައެއް ކަމަށާއި އުއްމީދުކުރަނީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީއަށް އެ އެކަޑަމީގެ ސަބަބުން ބޮޑެތި އިންގިލާބުތަކެއް އައުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުރިއަރުވާ ތަރިން އިތުރަށް ތަމްރީނު ކުރުމަށްޓަކައި ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށެވެ.