ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 23:10
2019 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި އަލްޖީރިއާ ޓީމު
2019 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި އަލްޖީރިއާ ޓީމު
ގެޓީ އިމޭޖަސް
އެފްރިކާ ކަޕް އޮފް ނޭޝަންސް
އެފްރިކާ ކަޕް އޮފް ނޭޝަންސް ފެށުން ޖެނުއަރީ 9 ގައި
މިއީ މި އަހަރުގެ ޖެނުއަރީގައި ބާއްވަން ތާވަލުކުރި މުބާރާތް
މުބާރާތް އޮންނާނީ ޖެނުއަރީ 9 އިން ފެބްރުއަރީ 6 އަށް

އަންނަ އަހަރަށް ފަސްކޮށްފައިވާ އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކެމަރޫންގައެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއިން ވަނީ މި މުބާރާތް އަންނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކުރުމަށް ނިންމާފައެވެ. މި މުބާރާތުގެ ގުރުއަތުލުން ޖޫން މަހުގެ 25 ވަނަ ދުވަހު ބާއްވާއިރު، މުބާރާތް އޮންނާނީ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު އެފްރިކާ ކަޕް އޮފް ނޭޝަންސް ބާއްވާއިރު، އެ އަހަރުގެ ހޫނު މޫސުމުގައި ފީފާ ވޯލްޑް ކަޕުވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ ކުރިން ވޯލްޑް ކަޕް ބާއްވާ އަހަރެއްގައި އެފްރިކާ ކަޕް އޮފް ނޭޝަންސް ބޭއްވީ 2010 ވަނަ އަހަރެވެ.

ކުރިއަށް އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސް ޖެނުއަރީ މަހު ބާއްވާއިރު، އެ ދުވަސްވަރަކީ ޔޫރަޕުގެ ކުލަބުތަކުގައި ފުޓްބޯޅަ ކުޅޭ ދުވަސްވަރު ކަމަށްވާތީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތް ކުރިއަށްދިޔައީ މިސްރުގައި ޖޫން އަދި ޖުލައި މަހުގައެވެ. އެކަމަކު ކުރިއަށް އޮތް މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ކެމަރޫނުން، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއާ މަޝްވަރާކުރުމަށްފަހު ވަނީ އަނެއްކާވެސް ކުރިން އޮތް ގޮތަށް ޖެނުއަރީ މަހު މުބާރާތް ބާއްވަން ނިންމާފައެވެ.

މުބާރާތް ބަދަލުކުރުމުގެ ސަބަބެއްގެ ގޮތުން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއިން ބުނީ އެފްރިކާ ބައްރަކީ ހޫނުގަދަ ގައުމަކަށްވާއިރު، އާންމު ގޮތެއްގައި ހޫނު މޫސުމުގައި މުބާރާތް ކުރިއަށްގެންދެވޭ ވަރަށް ވުރެން ހޫނު ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ލަފާދީފައިވާ ކަމަށެވެ.

އަންނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސް ބާއްވާއިރު، 2019 އަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދީ އަލްޖީރިއާއިންނެވެ. އެގޮތުން އަލްޖީރިއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސެނެގާލް ބަލިކުރުމަށްފަހުއެވެ.

- ކޮމެންޓް