ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 03:35
 ޖަރުމަނާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ނޯތު މެސެޑޯނިއާ މޮޅުވީ 2-1 ން
ޖަރުމަނާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ނޯތު މެސެޑޯނިއާ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ޖަރުމަން ބަލިވިއިރު، ސްޕެއިނާއި އިންގްލެންޑަށް މޮޅެއް
އިންގްލެންޑް މޮޅުވީ ޕޮލެންޑް އަތުން 2-1 ގެ ނަތީޖާއަކުން
ސްޕެއިން މޮޅުވީ ކޮސޯވޯ އަތުން 3-1 ގެ ނަތީޖާއަކުން
ޖަރުމަން ބަލިވީ ނޯތު މެސެޑޯނިއާ އަތުން 2-1 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޖަރުމަން ބަލިވިއިރު، ސްޕެއިނާއި އިންގްލެންޑް މޮޅުވެއްޖެއެވެ.

ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަން ބަލިވީ ނޯތު މެސެޑޯނިއާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މިއީ 2001 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގެ ކޮލިފައިން މެޗަކުން ޖަރުމަން ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން ޖަރުމަނުން ވަނީ ކޮލިފައިންގައި ބަލިނުވެ 35 މެޗު ހަމަކޮށްފައެވެ.

ޖަރުމަނުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ނޯތު މެސެޑޯނިއާއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޤައުމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ގޯރަން ޕާންޑޭވެވެ. އެކަމަކު މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިލްކާއި ގުންޑޮގާން ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މި މެޗުގައި ނޯތު މެސެޑޯނިއާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެލްޖިފް އެލްމަސް ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުން ޖަރުމަން ބަލިވިއިރު، އެ ޤައުމު އޮތީ ގްރޫޕް ޖޭގެ ތިންވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ނޯތު މެސެޑޯނިއާއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވި އާމީނިއާއެވެ. އެގޮތުން އާމީނިއާއަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.

ސްޕެއިނާއި ކޮސޯވޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޕެއިން މޮޅުވީ 3-1 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ގްރޫޕް ބީގައި ހިމެނޭ ސްޕެއިން މޮޅުވީ ކޮސޯވޯ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ޤައުމުގައި ކުޅުނު މެޗުގައި ސްޕެއިނުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެ ޤައުމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ޑަނިއެލް އޮލްމޯ ސްޕެއިނަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ސްޕެއިނަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސެވެ. އޭގެ ފަހުން މި މެޗުގެ 70 ވަނަ މިނެޓުގައި ބެސަރް ހަލީމީ ކާމިޔާބުކޮށްދިން ލަނޑުން ކޮސޯވޯއިން ފަރަގު ކުޑަކުރި ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ޖެރާޑް މޮރޭނޯ ވަނީ ސްޕެއިނަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ސްޕެއިން އޮތީ ގްރޫޕް ބީގެ އެއްވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ސްވިޑެންނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ގްރީސަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

އިންގްލެންޑާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންގްލެންޑް މޮޅުވީ 2-1 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ގްރޫޕް އައިއަށް ބަލާލާއިރު، މި ގްރޫޕުގައި ހިމެނޭ އިންގްލެންޑް މޮޅުވީ ޕޮލެންޑް އަތުން ފަހު ވަގުތު 2-1 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ޤައުމުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އިންގްލެންޑުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ޔާކުން މޮޑާ ވަނީ ޕޮލެންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މި މެޗުން އިންގްލެންޑް މޮޅުކޮށްދިން ލަނޑު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ހެރީ މެގުއާއެވެ.

މި މެޗުން އިންގްލެންޑް މޮޅުވިއިރު، މި ފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެ ޤައުމު ވަނީ މޮޅުވެފައެވެ. އެއާއެކު އިންގްލެންޑް އޮތީ ގްރޫޕް އައިގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ހަންގޭރީއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އަލްބޭނިއާއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މީގެ އިތުރުން ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ސީގައި ހިމެނޭ އިޓަލީ ވަނީ ރަށުން ބޭރުގައި ލިތުއޭނިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ގްރޫޕް ޑީގައި ހިމެނޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން ބޮސްނިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

- ކޮމެންޓް