ކ. މާލެ
|
31 މާރޗް 2021 | ބުދަ 23:37
ޔޫރޯ ކޮލިފައިން މެޗެއްގެ ތެރެއިން ނެދަލެންޑްސްގެ ކުޅުންތެރިއަކު ބަދަލުކުރަނިކޮށް
ޔޫރޯ ކޮލިފައިން މެޗެއްގެ ތެރެއިން ނެދަލެންޑްސްގެ ކުޅުންތެރިއަކު ބަދަލުކުރަނިކޮށް
ގެޓީ އިމޭޖަސް
ފަސް ކުޅުންތެރިން ބަދަލުކުރުން
ޔޫރޯގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭނެ
ޔޫރަޕުގެ ލީގުތަކުގައިވެސް އަންނަނީ ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަމުން
ޔޫރޯ އޮންނާނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަން ޔުއެފާއިން ނިންމައިފިއެވެ.

މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދު އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފާސްކޮށްފައިވަނީ ކޮވިޑް-19 ށްފަހު ފުޓްބޯޅަ އަލުން ފެށުމުގެ ގޮތުން ފީފާއިން ހުށަހެޅުމުންނެވެ. މި ބަދަލު ގެންނަން އައިފެބުން ފާސްކުރީ ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުންނެވެ.

މީގެ ކުރިން މި ގަވާއިދަށް އަމަލުކުރެވޭނީ މިދިޔަ ސީޒަނުގައި އެކަނި ކަމަށް ކަނޑައެޅި ނަމަވެސް، ފަހުން މި ސީޒަނުގައިވެސް މި ގަވާއިދަށް އަމަލުކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެގޮތުން ޔޫރޯގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަން ޔުއެފާއިން ނިންމީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ކޮލިފައިން މެޗުތަކުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަން ފީފާއިން ނިންމުމާ ގުޅިގެންނެވެ.

ޔޫރޯގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދިއިރު، ޔޫރަޕުގެ ބޮޑެތި ލީގުތަކުގެ ތެރެއިން މި ގަވާއިދަށް އަމަލުނުކުރާ ހަމައެކަނި ލީގަކީ އިނގިރޭސި ޕްރިމިއާ ލީގެވެ. އެގޮތުން މީގެ ކުރިންވެސް ޔުއެފާގެ މުބާރާތްތަކުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރިއިރު، ޕްރިމިއާ ލީގު ފިޔަވައި އެހެން ލީގުތަކުގައި އަންނަނީ ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަމުންނެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ ޔޫރޯ މި އަހަރަށް ފަސްކުރިއިރު، ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ޔުއެފާއިން މިހާރު ވަނީ މި މުބާރާތް މި އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައެވެ. އަދި މިިދިޔަ އަހަރުގެ މުބާރާތް، މި އަހަރު ބޭއްވުމަށް ނިންމި ނަމަވެސް، މި މުބާރާތް މި އަހަރުވެސް ކުރިއަށްދާނީ "ޔޫރޯ 2020" ގެ ނަމުގައެވެ.

މީގެ ކުރިން ޔުއެފާއިން ނިންމާފައިވާ ގޮތުން މި މުބާރާތް ކުރިއަށްދާނީ ޔޫރަޕުގެ ތަފާތު 12 ގައުމެއްގެ 12 ސިޓީއެއްގައެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމުގެ ސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމުގައި ކުޅޭއިރު، ސެމީ ފައިނަލް މެޗުތަކާއި، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. މި ގޮތަށް ކުރިއަށްގެންދަން ޔުއެފާއިން ނިންމީ، ޔޫރޯ މުބާރާތް ބާއްވާތާ 60 އަހަރު އަހަރު ފުރޭ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް