ޒަރޫރީ ބޭނުންތަކަށް ނޫނީ މަގުމައްޗަށް ނިކުމެ ނޫޅެވޭ ގޮތަށް ނިންމައި ޅ. ނައިފަރުގައި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ޅ. ނައިފަރުން ކޮވިޑް-19ގެ ކޭސްއެއް ފެނުމާ ގުޅިގެން އެ ރަށް މޮނިޓަރިން އަށް ލާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ރަށު ހޮސްޕިޓަލުގެ މުވައްޒަފެކެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނުގައިވާގޮތުން ނައިފަރުގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ނޫން ގޮތަކަށް އެރަށުގައި ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ/ އަދި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން އެއް ތަނަކަށް އެއްވެ އުޅުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރާތްކުރުމުގެ އިތުރަށް ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރަށް ކެފޭ ރެސްޓޯރަންޓުތަކުން ޑައިން އިން ހިދުމަތް ދިނުން ހުއްޓާލުމާއި، ސެލޫންތަކާއި ޖިމްތަކުގެ އިތުރަށް ކުޅުވިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ވެސް ހިންގުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ޓެކްސީ ހިދުމަތް ދިނުމާއި ފިހާރަތަކާއި ބެންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތްދޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާފައިވެއެވެ.
އަދި މީގެ އިތުރަށް ޔުނިވަރސިޓީތަކާއި، ސްކޫލްތަކުގެ އިތުރަށް ކޮލެޖުތައް ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް ވެސް އަންގާފައިވެއެވެ.
އެޗްޕީއޭއިން އަޅާފައިވާ މި ފިޔަވަޅުތަކުން ސިފައިންނާއި ފުލުހުން އަދޮ ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި ޓާސްކްފޯސް ފާހުގައި މަސައްކަތްކުރާމީހުން ވެސް އިސްތިސްނާ ވާނެ ކަމަށް އެ އެންގުމުގައި ވެއެވެ.
ޅ. އަތޮޅުން ފެނިފައިވާ ކޭސްތަކާ ގުޅިގެން ނައިފަރަށް އެޗްޕީއޭގެ ޓީމެއް ގޮސް ހަރަކާތްތެރިވާން ފަށާފައިވާއިރު އެ އަތޮޅު ފެލިވަރުން ވެސް 66 ކޭސް ވަނީ ފެނިފައެވެ. މީގެ އިތުރަށް އެ ކޭސްތަކުގެ ލިންކްތައް އެ އަތޮޅު ހިންނަވަރުން ވެސް ފެނިފައިވާއިރު، ހދ ކުޅުދުއްފުށިން ވެސް އެ ކްލަސްޓަރގެ ކޭސްތައް ވަނީ ގޮސްފައެވެ.