އަންގާރަ ދުވަހު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދު ދަށް ވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ވެކްސިން ޖެހީ 656 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 1،151 މީހުންނެވެ. ބުރާސްފަތި ދުވަހު މުޅު ރާއްޖެއިން ވެކްސިން ޖެހީ ޖުމްލަ 1،807 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 235،682ށް އަރާފައިވާއިރު، އޭގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 130،376 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ ޖުމްލަ 105،306 މީހުންނެވެ.
އަންގާރަ ދުވަހު މާލެއިން 656 މީހުން ވެކްސިން ޖެހި އިރު މާލެ ސަރަހައްދުން ވެކްސިން ޖަހާ މީހުންގެ އަދަދުތައް ދަށްވެފައިވާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލަންދެން ވެސް މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދު 1000ން މަތިން ކޮންމެ ދުވަހަކު ވެސް ރިކޯޑުކުރެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން އެއް ފަށާފައިވާއިރު އޭރު ރާއްޖޭގައި ބޭނުންކުރީ ހަމައެކަނި އިންޑިއާއިން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިންއެވެ. އެ ވެކްސިން ދެ ލައްކަ މީހުންނަށް ޖަހާފައިވާއިރު މިހާރު ބޭނުންކުރަމުން އަންނަނީ ޗައިނާގެ ސިނޮފާމް ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިންއެވެ.
ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން އޮންނާނީ ފުރަތަމަ ޑޯޒު ޖަހައިގެން އަށް ހަފްތާ ފަހުންނެވެ. އެހާތަނަށް ބޭނުންވާ ކޮވިޝީލްޑް ޑޯޒުތައް ގެންނަން ފަށާފައިވާއިރު މިހާރު ވަނީ އޭގެ ފުރަތަމަ ޝިޕްމަންޓް ގެނެސްފައެވެ.
އަށް ހަފްތާ ހަމަނުވި ނަމަވެސް ކޮންމެހެން ޖަހަން ޖެހޭ ހާލަތްތަކުގައި ދެވަނަ ޑޯޒު ޖަހައިދެއެވެ. އެގޮތުން ބޭފަރުވާއަށް ނުވަތަ މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ގޮސް ވެކްސިން ޖަހަން ޖެހޭ މުއްދަތަށް އަނބުރާ ނާދެވޭ ނަމަ އެޗްޕީއޭ މެދުވެރިކޮށް ވަކި އެޕޮއިންޓްމަންޓެއް ހައްދައިގެން ވެކްސިން ޖެހޭނެއެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގެ ކެމްޕޭން ކުރިއަށް ގެންދަނީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނެކޭ އެއްފަދައިން ބިދޭސީންނަށް ވެސް ހިލޭ ވެކްސިން ލިބޭ ގޮތަށެވެ. އެގޮތުން ރާއްޖޭގައި ނުގަވާއިދުން އުޅޭ ބިދޭސީންނަށް ވެސް ރެޑް ކްރެސެންޓްގެ އިސްނެގުމުގެ މަތިން މިހާރު އަންނަނީ ވެކްސިން ދެމުންނެވެ.
ވެކްސިން ޖަހަން ފަށާފައިވާތާ މިހާރު ދެމަސްވާއިރު އަދިވެސް މިކަމަށް އެންމެ އެކަށީގެންވާ ވަަރަށް ތަރުހީބު ނުލިބޭ ކަމަށް އެޗްޕީއޭއިން އަންނަނީ ބުނަމުންނެވެ. އެގޮތުން މި ބަލިން ރައްކާތެރިވެ ހަރޑް އިމިއުނިޓީއާ ހަމައަށް ދެވޭނީ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިން ޖަހައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.