ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ސޯޅަ އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލް އަދި އަންހެން ބައިގެ ޗެމްޕިއަންކަން މާފުށީ ސްކޫލުން ހޯދައިފިއެވެ.
މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސޯޅަ އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލް ހޯދީ ފައިނަލުގައި މުހުޔިއްދީން ސްކޫލާއި ވާދަކޮށް 14 ޕޮއިންޓް 10 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ޖުމްލަ 910 ދަރިވަރުންނާއެކު ފެށި މި މުބާރާތުގެ ސޯޅަ އަހަރުންދަށުގެ އަންހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން މާފުށީ ސްކޫލް ހޯދި އިރު، މިއީ މި އުމުރުފުރާގެ ޗެމްޕިއަންކަން ވިދިވިދިގެން އެ ސްކޫލުން ހޯދި ދެވަނަ ފަހަރެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް މާފުށީ ސްކޫލް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުވެސް އެޓީމާ ދެކޮޅަށް ކުޅުނު ތާޖުއްދީން ސްކޫލް 10 ޕޮއިންޓް 8 ޕޮއިންޓުން ބަލިކޮށްގެންނެވެ.
މި މުބާރާތުގެ ބާރަ އަހަރުންދަށުގެ އަންހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސްކޫލެވެ. އެ ސްކޫލް މި އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މަޖީދިއްޔާ ސްކޫލާ ވާދަކޮށް ތިން ޕޮއިންޓް އެއް ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ 14 އަހަރުންދަށުގެ އަންހެން ކުދިންގެ ބައިން މުހްޔިއްދީން ސްކޫލް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަށްފަހު 6 ޕޮއިންޓް ދެ ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.