ކ. މާލެ
|
29 މާރޗް 2021 | ހޯމަ 19:55
ތެޔޮ ބޯޓެއް އަޑިއަށް ދިއުން
ތެޔޮ ބޯޓެއް އަޑިއަށް ދިއުން
އެމްއެންޑީއެފް
މޫސުމަށް ސަމާލުވާން އިލްތިމާސްކުރުން
ކުރިއަށް އޮތް 48 ގަޑިއިރު ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
 
އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
 
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
 
ދިޔަވަރު ބޮޑުވާ ވަގުތު ރަށްރަށަށް އުދަ އަރާނެތީވެ އެކަމަށް ސަމާލުކަން ދިނުމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި
 
މިރޭވެސް މެދުރާއްޖެތެރޭއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ ކުރިއަށް އޮތް 48 ގަޑިއިރު ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިއަދާއި މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށާއި އުތުރުގެ ބައެއް ރަށްރަށަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މިރޭވެސް މެދުރާއްޖެތެރޭއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ކަނޑުގެ ދިޔަވަރު ބޮޑުވާ ވަގުތު ރަށްރަށަށް އުދަ އަރާނެތީވެ އެކަމަށް ސަމާލުކަން ދިނުމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށުގައި ވެސް ބައެއް ހާދިސާތައް ހިނގާފައިވެއެވެ.

އެގޮތުން ޅ. ހިންނަވަރު ކައުސިލްގެ ރައީސް ޢަބްދުﷲ އިބްރާހީމް ވިދާޅުވީ ހޯމަ ދުވަހުގެ ހެނދުނު 9:45 ހާއިރު ހިންނަވަރަށް އުދައަރާ، ގޭގެއަށްވެސް ލޮނުވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރަށުގެ ސިއްޙީ މަރުކަޒަށް ލޮނުގަނޑު ވަދެފައިވާ ކަމަށާއި، ދެވަނަ ފަހަރަކަށް އުދައަރައިފިނަމަ ސިއްޙީ މަރުކަޒުގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވާނެ ކަމަށެވެ.

ރަށުތެރެއިން ފެން ހިންދުމުގެ މަސައްކަތާއި، ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ސިފައިންނާއި ކައުންސިލް ގުޅިގެން ކުރަމުން އަންނަ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އާދީއްތަ ދުވަހުގެ ހަވީރުން ފެށިގެން ދެކުނަށް ކުރަމުންދާ ވިއްސާރާގައި އާދީއްތަ ދުވަހުގެރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭ ވެހި އައްޑޫސިޓީ އާއި ފުވައްމުލަކުގެ ގިނަ ގެތަކަކަށް ފެންވަދެ، ބައެއް ގޭގޭ ގެ ފުރާޅުވަނީ އެއްލައިލާފައެވެ. އަދި ގިނަ އަދަދަކަށް ރުއްގަސް ވެއްޓި ބައެއް މަގުތައް ވަނީ ބްލޮކްވެފައެވެ.

ފުވައްމުލަކުގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނުތަކާއި ފަރުނީޗަރަށް ވެސް ވަނީ ގެއްލުންވެފައެވެ. އަދި ރަށުގެ ދަނޑުބިންތަކުގައި ފެން ބޮޑުވެފައިވެއެވެ. ފުވައްމުލަކުގައި ފެންބޮޑުވެ ނަރުދަމާ ނިޒާމުން ނަޖިސް ފެން ބޭރުވެ ވަޅުފެނަށް އަސަރު ކުރަމުންދާ ކަމުގެ ރިޕޯޓް ލިބެމުންދާތީ ވަޅުފެން ކްލޮރިނޭޓް ކުރުމުގެ މަސައްކަތް އެ ސިޓީގެ ހޮސްޕިޓަލުންވަނީ ފަށާފައެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައި ވާރޭ ވެހުނު ކަމަށް ރިކޯޑް ކޮށްފައިވަނީ އައްޑޫ ސިޓީ ގަމަށެވެ.

ގަދަވަޔާއެކު އަމީނީ މަގުގައި ހުރި ގަސްތަކުން ބައެއް ގޮފިތައް ވެއްޓިފައިވާއިރު، އެމްޕްލޯއިމަންޓް ޓްރައިބިއުނަލް ކައިރީގައި ހުރި ބޮޑު ގަހެއް ވެސް ވެއްޓިފައިވެއެވެ. މީގެއިތުރުން ހުޅުމާލޭ އަދި ވިލިމާލޭގައި އިންދާފައި ހުރި ބައެއް ގަސްތައް ވެސް ވެއްޓިފައިވެއެވެ. ބާރަށް ވައި ޖެހުމުގެ ސަބަބުން މިގަސްތައް ވެއްޓިފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިހާދިސާތަކާ ގުޅިގެން މީހަކަށް އަދި ވެހިކަލްއަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ބައެއް ގޭގޭގެ ބެލްކަނިތަކުގައި އިންދާފައިވާ ގަސް ޕޮޓްފަދަ ތަކެތި މަގުމައްޗަށް ނުވެއްޓޭނެ ގޮތަކަށް ހެދުމަށާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފުން އެދެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގައި ވެސް ބައެއް ހާދިސާތައް ހިނގާފައިވެއެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވެގެން މާލެ ކައިރީގައި އޮތް ތެޔޮ ބާޖެއްގެ ނަގިލި ކަނޑައިގެން ފޭދޫ ފިނޮޅު ދެކުނު ފަރާތުން ފަރު މައްޗަށް ލައްވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެއެވެ. އަދި ތިން މީހުންނާއެކު ދަތުރުކުރި ތެޔޮ އުފުލާ ބޯޓެއް ވެސް މިއަދު ވަނީ އަޑިއަށް ގޮސްފައެވެ. މި ބޯޓުން ދަތުރުކުރި މީހުން ވަނީ އެމްއެންޑީފްގެ އެހީތެރިކަމާއެކު ސަފާރީއަކަށް ނަގާފައެވެ.

''ސަވާރީ'' ނަމަކަށް ކިޔާ މިބޯޓު ދަތުރުކުރީ ކ. ތިލަފުށިން ހުޅުމާލެއަށް ދިހަހާސް ލީޓަރު ޑީސަލްއާއެކުއެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 11:00 ހާއިރުއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ދުރަށް، ހުޅަނގު އުތަރަށް ޖެހެމުންދާތީ އަންގާރަ ދުވަހުން ފެށިގެން ވާރޭވެހުން މަދުވާނެކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
100%
ކޮމެންޓް