ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން އިޓަލީ އާއި ޖަރުމަނުވެސް މޮޅުވެއްޖެއެވެ.
ގްރޫޕް ސީގައި ހިމެނޭ އިޓަލީ މޮޅުވީ ބަލްގޭރިއާއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ.
ބަލްގޭރިއާގައި ކުޅުނު މި މެޗުގައި އިޓަލީން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ އަންދްރެއާ ބެލޮއްޓީއެވެ. މިއީ އޭރިއާ ތެރެއިން ބެލޮއްޓީއަށް ބަލްގޭރިއާގެ ޑަނިއެލް ޑިމޯވް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މި މެޗުގައި އިޓަލީއަށް ލީޑު ފުޅާކޮށްދިން ލަނޑު، މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަނުއެލް ލޮކަޓެއްލީއެވެ.
މި މެޗުން އިޓަލީ މޮޅިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އިޓަލީ ވަނީ ނޯދަން އަޔަލެންޑާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ގްރޫޕް ސީގެ އެއްވަނައިގައި އިޓަލީ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. އަދި މި ގްރޫޕުގެ ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށްވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސްވިޓްޒަލެންޑް ވަނީ އަމިއްލަ ދަނޑުގައި ލިތުއޭނިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މީގެ އިތުރުން ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަން މޮޅުވީ ރޯމޭނިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ޖަރުމަނުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަރުމަނުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ކުރީކޮޅެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިން ލަނޑު، ކައި ހަވާޓްޒް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޖަރުމަނުގެ ޖޯޝުއާ ކިމިޗް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ ފަހުންވެސް ޖަރުމަނުން ވަނީ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް މި މެޗުގައި އުފައްދާފައެވެ. އެކަމަކު އެ ހަމަލާތައް ހުއްޓުވުމުގައި ރޯމޭނިއާގެ ގޯލްކީޕަރު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މެޗުން ޖަރުމަން މޮޅިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ޖަރުމަން ވަނީ އައިސްލެންޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ގްރޫޕް ޖޭގެ އެއްވަނައިގައި ޖަރުމަން އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. އަދި މި ގްރޫޕުގެ ދެވަނައިގައި އޮތް އާމީނިއާއަށްވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އާމީނިއާ ވަނީ އަމިއްލަ ދަނޑުގައި އައިސްލެންޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.