ކ. މާލެ
|
28 މާރޗް 2021 | އާދީއްތަ 23:41
ޖޯޖިއާ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޕެއިން މޮޅުވީ 2-1 ން
ޖޯޖިއާ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޕެއިން މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ސްޕެއިން، އިންގްލެންޑް އަދި ފްރާންސަށް މޮޅެއް
ފްރާންސް މޮޅުވީ ކަޒަކްސްތާން އަތުން 2-0 ގެ ނަތީޖާއަކުން
އިންގްލެންޑް މޮޅުވީ އަލްބޭނިއާ އަތުން 2-0 ގެ ނަތީޖާއަކުން
ސްޕެއިން މޮޅުވީ ޖޯޖިއާ އަތުން 2-1 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ސްޕެއިނާއި، އިންގްލެންޑް އަދި ދުނިޔޭގެ ޗެމްޕިއަން ފްރާންސްވެސް މޮޅުވެއްޖެއެވެ.

ގްރޫޕް ބީގައި ހިމެނޭ ސްޕެއިން މޮޅުވީ ޖޯޖިއާ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ޖޯޖިއާގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެ ޤައުމުންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖޯޖިއާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޚްވިޗާ ކްވާރަޓްސްޚީލިއާއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ވަނީ ލަނޑެއް ޖަހައި، ސްޕެއިނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ސްޕެއިން މޮޅުވީ އިތުރު ވަގުތުގައި ޑަނިއެލް އޮލްމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ސްޕެއިން މޮޅުވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ސްޕެއިން ވަނީ ގްރީސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ގްރޫޕް ބީގެ ދެވަނައިގައި ސްޕެއިން އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ އާދީއްތަ ދުވަހުގެރޭ ކޮސޯވޯ އަތުން މޮޅުވި ސްވިޑެންނެވެ. އެގޮތުން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ސްވޮޑެން މޮޅުވެފައިވާއިރު، އެ ޤައުމު އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކުއެވެ.

އަލްބޭނިއާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންގްލެންޑް މޮޅުވީ 2-0 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ އަލްބޭނިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޤައުމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭނެވެ. މި މެޗުގައި އަލްބޭނިއާއަށް އިންގްލެންޑުގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، އިންގްލެންޑުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޤައުމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ.

މި މެޗުން އިންގްލެންޑް މޮޅިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް ވަނީ ސެން މެރީނޯ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ގްރޫޕް އައިގެ އެއްވަނައިގައި އިންގްލެންޑް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. އަދި މި ގްރޫޕުގެ ދެވަނައިގައި އޮތް ޕޮލެންޑާއި ތިންވަނައިގައި އޮތް ހަންގޭރީއަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ކަޒަކްސްތާނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރާންސް މޮޅުވީ 2-0 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ގްރޫޕް ޑީއަށް ބަލާލާއިރު، ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވީ ކަޒަކްސްތާން އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ފްރާންސުން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ. އަދި މި މެޗުގައި ފްރާންސުން ލީޑު ފުޅާކުރި ލަނޑަކީ، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކަޒަކްސްތާނުގެ ސާހީ މާލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މި މެޗުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖަހަން ފްރާންސަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ކީލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ކަޒަކްސްތާނުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން ފްރާންސް މޮޅިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް ވަނީ ޔޫކްރޭނާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ގްރޫޕް ޑީގެ އެއްވަނައިގައި ފްރާންސް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ފިންލެންޑާއި ތިންވަނައިގައި އޮތް ޔޫކްރޭން އާދީއްތަ ދުވަހުގެރޭ ބައްދަލުކުރިއިރު، މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޤައުމު އެއްވަރުވެގެންނެވެ. އެހެންކަމުން އެ ދެ ޤައުމަށްވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

- ކޮމެންޓް