ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 21:24
ރާއްޖެ އަދި އިންޑިއާ ސާފް ސުޒުކީ ކަޕްގައި ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އަދި އިންޑިއާ ސާފް ސުޒުކީ ކަޕްގައި ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ފީފާ ރޭންކިން
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް
ރާއްޖެއަށް ލިބުނީ ދުނިޔޭގެ 152 ވަނަ
ރޭންކިންގެ އެއްވަނަ ލިބުނީ ބްރެޒިލްއަށް

 ފީފާ ވޯލްޑް ރޭންކިންގްގައި އެއް ދަރަޖައިގެ ކުރިއެރުމަކާއެކު އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެ އެއް ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިންޑިއާ ވަނީ 331 ޕޮއިންޓް ހަމަކޮށްފައެވެ. އެގޮތުން ސާކްގެ އެއްވަނަ އެޓީމަށް ލިބުނު އިރު، އޭޝިއާއިން މިފަހަރުވެސް އެޓީމަށް ލިބުނީ 11 ވަނައެވެ. އެޕްރީލް މަހު އިންޑިއާ އިން އޮފިޝަލް މެޗެއް ކުޅެފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި އަހަރު ފަހުކޮޅު އިންޑިއާގައި 17 އަހަރުންދަށުގެ ވޯލްޑްކަޕް ބާއްވަން އެގައުމުން ތައްޔާރުވަމުންދާއިރު، ފީފާ ވޯލްޑް ރޭންކިންގައި އިންޑިއާ އިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 1996 ވަނަ އަހަރެވެ. އެ އަހަރު އިންޑިއާ ވަނީ ދުނިޔޭގެ 94 ވަނަ ހޯދާފައެވެ.

މާޗު މަހުގެ ފީފާ ރޭންކިންގައި ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމަކާ އެކު 152 ވަނަ ލިބިފައިވާއިރު، ސަރަހައްދުން ރާއްޖެއަށް ލިބިފައިވަނީ ދެވަނައެވެ. އަދި އޭޝިއާ ސަރަހައްދުން ރާއްޖެއަށް ލިބުނީ 27 ވަނައެވެ.

ސަރަހައްދުގެ ތިންވަނަ ރޭންކިންގެ 164 ވަނައިގައި އޮތް ބޫޓާނަށް ލިބުނުއިރު، ހަތަރުވަނަ ލިބުނީ ރޭންކިންގެ 172 ވަނައިގައި އޮތް ނޭޕާލަށެވެ. ފަސްވަނަ ރޭންކިންގެ 193 ވަނައިގައި އޮތް ބަންގްލަދޭޝްއަށް ލިބުނުއިރު، ހަވަނަ ލިބުނީ ރޭންކިންގެ 197 ވަނައިގައި އޮތް ސްރީލަންކާއަށެވެ. އަދި ހަތްވަނަ ލިބުނީ ރޭންކިންގެ 201 ވަނައަށް ރޭންކު ކުރެވިފައިވާ ޕާކިސްތާނަށެވެ.

ދުނިޔޭގެ އެއްވަނަ ބްރެޒިލަށް ލިބިފައިވާއިރު، ދެވަނަ ލިބިފައިވަނީ އާޖެންޓީނާއަށެވެ. އަދި ތިންވަނަ ލިބިފައިވަނީ ޖަރުމަނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް