ބ.އަތޮޅު ފުޅަދޫގައި އުޅުމަށް ފަހު ފުރި 2 ފަތުރުވެރިއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލައިފިއެވެ.
ރާއްޖެ އެމްވީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ދެ ފަތުރުވެރިން ވެސް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ އެރަށުން އެމީހުން ފުރިފަހުންނެވެ. އެގޮތުން އެމީހު ޕޮޒިޓިވްވެފައިވަނީ ރަށުން ފުރުމުގެ ކުރިން ހެދި ޓެސްޓަކުންކަމަށް މަޢުލޫމާތު ލިބެއެވެ. މިހާރު މި ދެމީހުންގެ ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފުޅަދޫ މޮނިޓަރ ކުރަމުން ދާ ކަމަށެވެ. އަދި ރަށުގައި މިވަގުތު ތިބި މީހުން އެ އޭޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށެވެ. ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެދި އަދި އެ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅައި އެންގުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ރާއްޖޭގައި މިހާތަނަށް 23000އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާއިރު މީގެ ތެރޭގައި އަތޮޅުތަކުގެ ބައެއްރަށްރަށުން ޕޮޒިޓިވްވި މީހުންވެސް ހިމެނެއެވެ.