ކ. މާލެ
|
28 މާރޗް 2021 | އާދީއްތަ 03:22
ނެދަލެންޑްސް އާއި ލަޓްވިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ނެދަލެންޑްސް މޮޅުވީ 2-0 ން
ނެދަލެންޑްސް އާއި ލަޓްވިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ނެދަލެންޑްސް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ނެދަލެންޑްސް މޮޅުވިއިރު، ބެލްޖިއަމާއި ޕޯޗުގަލް އެއްވަރު
ޕޯޗުގަލާއި ސާބިއާގެ މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
ބެލްޖިއަމާއި ޗެކް ރިޕަބްލިކުގެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
ނެދަލެންޑްސް މޮޅުވީ ލަޓްވިއާ އަތުން 2-0 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހޮނިހިރު ދުވަހުހެރޭ ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވިއިރު، ބެލްޖިއަމާއި ޕޯޗުގަލް ކުޅުނު މެޗުތައް އެއްވަރުވެއްޖެއެވެ.

ގްރޫޕް ޖީގައި ހިމެނޭ ނެދަލެންޑްސް މޮޅުވީ ލަޓްވިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެފުރީއެއްގެ މަޤާމު އަދާކޮށްފައިވަނީ ފްރާންސްގެ އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓެވެ. އެއާއެކު އޭނާ ވެފއިވަނީ ވޯލްޑް ކަޕް ކޮލިފައިން މެޗަކު އިންސާފުކުރި ފުރަތަމަ އަންހެން ރެފުރީއަށެވެ. އަދި އަމިއްލަ ޤައުމުގައި ކުޅުނު މި މެޗު ބަލަން ނެދަލެންޑްސްއިން ވަނީ 5،000 ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ.

މި މެޗުގައި ނެދަލެންޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޤައުމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ނެދަލެންޑްސްއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ސްޓީވެން ބެއާހަސްއެވެ. އަދި މި މެޗުގައި ނެދަލެންޑްސްއިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައި ލޫކް ޑި ޔޮން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުން ލަޓްވިއާ އަތުން ނެދަލެންޑްސް މޮޅުވިއިރު، މި ގްރޫޕުގައި ހިމެނޭ މޮންޓެނީގްރޯއިން ވަނީ ހޮނިހިރު ދުވަހުހެރޭ ޖިބްރަލްޓާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ކޮލިފައިންގެ ފުރަތަމަ މެޗުން ނެދަލެންޑްސް ބަލިކުރި ތުރުކީ ވަނީ ހޮނިހިރު ދުވަހުހެރޭ ކުޅުނު މެޗުން ނޯވޭ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އެހެންކަމުން ގްރޫޕް ޖީގެ އެއްވަނައިގައި އޮތް ތުރުކީ އާއި ދެވަނައިގައި އޮތް މޮންޓެނީގްރޯއަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ނެދަލެންޑްސް އާއި ހަތަރުވަނައިގައި އޮތް ނޯވޭއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޗެކް ރިޕަބްލިކާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ޗެކް ރިޕަބްލިކުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޤައުމުންނެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް ޕްރޮވޯޑެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ރޮމެލޫ ލުކާކު ވަނީ ލަނޑެއް ޖަހައި، މި މެޗުން ބެލްޖިއަމް ސަލާމަތްކޮށްދީފައެވެ.

މި މެޗުން ބެލްޖިއަމް އެއްވަރުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ބެލަރޫސްއިން ވަނީ އަމިއްލަ ޤައުމުގައި 4-2 ގެ ނަތީޖާއަކުން އެސްޓޯނިއާ ބަލިކޮށްފައެވެ. އެހެންކަމުން ގްރޫޕް އީގެ އެއްވަނައިގައި އޮތް ޗެކް ރިޕަބްލިކާއި ދެވަނައިގައި އޮތް ބެލްޖިއަމަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ބެލަރޫސްއިން މިހާތަނަށް އެންމެ މެޗެއް ކުޅެފައިވާއިރު، އެ ޤައުމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

ސާބިއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ގްރޫޕް އޭއަށް ބަލާލާއިރު، މި ގްރޫޕުގައި ހިމެނޭ ޕޯޗުގަލާއި ސާބިއާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ސާބިއާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އަލެކްސެންޑަ މިޓްރޮވިޗް ޖަހައިދިން ލަނޑުން ސާބިއާއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. އަދި މި މެޗުގައި ސާބިއާއިން ނަތީޖާ އެއްވަރުކޮށްފައިވަނީ 60 ވަނަ މިނެޓުގައި ފިލިޕް ކޮސްޓިޗް ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުން ޕޯޗުގަލް އެއްވަރުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ލަގްޒަމްބާގުން ވަނީ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އަޔަލެންޑް ބަލިކޮށްފައެވެ. އެހެންކަމުން ގްރޫޕް އޭގެ އެއްވަނައިގައި އޮތް ސާބިއާ އާއި ދެވަނައިގައި އޮތް ޕޯޗުގަލަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ލަގްޒަމްބާގުން މިހާތަނަށް އެންމެ މެޗެއް ކުޅެފައިވާއިރު، އެ ޤައުމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

- ކޮމެންޓް