ހޮނިހިރު ދުވަހު ކޮވިޑް-19ށް އިތުރު 166 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
އެޗްޕީއޭއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 06:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00ށް އިތުރު 166 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން 91 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 52 މީހަކު ޕޮޒިޓިވްވެފައިވާއިރު އޮޕަރޭޓް ކުރަމުންދާ ރިސޯޓުތަކުން 11 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ސަފާރީ އަދި ޔޮޓުތަކުން 11 މީހަކު ޕޮޒިޓިވްވެފައިވާއިރު އިންޑަސްޓްރިއަލް ރަށްރަށުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 23،403ށް އަރާފައެވެ. އެޗްޕީއޭއިން ބުނީ ފާއިތުވި 24 ގަޑިއިރު ޖުމްލަ 4،283 ސާމްޕަލް ނަގާފައިވާ ކަމަށާއި މިއާއެކު ރާއްޖެއިން މިހާތަނަށް ރިޕީޓުކޮށް ނެގުނު ސާމްޕަލްތަކާއިއެކު 635،503 ސާމްޕަލް ނެގިފައިވާ ކަމަށެވެ. ހޮސްޕިޓަލުގައި މިވަގުތު 98 މީހަކަށް ފަރުވާ ދެމުން އަންނައިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،712އެވެ.
ކޮވިޑް-19ގެ ތިން ވަނަ ރާޅަކާ އެކު މާލެ ސަރަހައްދުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ދެމަސްދުވަހު އޮތުމަށް ފަހު މިހާރު ވަނީ އެ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ. މާލެ ސަރަހައްދުގައި ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށްވަމުން ދިޔަ ނަމަވެސް އަތޮޅުތެރޭގައި ބަލީގެ ބޮޑެތި ކްލަސްޓަރތައް ދަނީ ފެތުރެމުންނެވެ. އެގޮތުން ޅ. އަތޮޅާއި، ރ. އަދި ހދ. އަތޮޅުގައި ވެސް ކޮވިޑް-19 ވަނީ ފެތުރިފައެވެ. ލުއިތަކެއް ދީފައިވި ނަމަވެސް އެޗްޕީއޭ އަދި ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް އިލްތިމާސްކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އިރުޝާދުތަކާއި އަންގާފައިވާ އެންގުންތަކަށް އަމަލުކުރަމުން ގެންދިއުމާއިއެކު ފަރުދީ ޒިންމާ އަދާކުރުމަށެވެ.