ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ރޭ 7:45ން ފެށިގެން 11:00ށް އެސަރަހައްދަށް ޔެލޯ އެލަރޓް ނެރޭކަމަށެވެ. މީގެއިތުރުން މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލަރޓް ވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 7:30ން ފެށިގެން މެންދަމު 12:30 އާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ އާދިއްތަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް އާދައިގެެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީވެ އެންމެހައި ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.