ކ. މާލެ
|
27 މާރޗް 2021 | ހޮނިހިރު 18:17
ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލުގެ ފޯވާޑް ސަޑިއޯ މާނޭ
ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލުގެ ފޯވާޑް ސަޑިއޯ މާނޭ
ގެޓީ އިމޭޖަސް
ލިވަޕޫލުގައި މާނޭ މަޑުކުރުން
ޗެމްޕިއަންސް ލީގަށް ކޮލިފައިނުވި ނަމަވެސް، ލިވަޕޫލުގައި މާނޭ މަޑުކުރާނެ
 
މާނޭގެ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހު
 
ބައެއް ކުޅުންތެރިން ލިވަޕޫލް ދޫކޮށްލާނެ ކަމަށް އަޑުފެތުރުނު

އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ކޮލިފައިނުވި ނަމަވެސް، އެ ޓީމުގައި ސެނެގާލުގެ ފޯވާޑް ސަޑިއޯ މާނޭ މަޑުކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސައުތެމްޕްޓަން ދޫކޮށް 2016 ވަނަ އަހަރު ލިވަޕޫލަށް މާނޭ ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ފަހުން 2018 ވަނަ އަހަރު މާނޭ ވަނީ އެ އެއްބަސްވުން އިތުރު ފަސް އަހަރަށް އާކޮށްފައެވެ. އެހެންކަމުން ލިވަޕޫލާއެކު މާނޭ މިހާރު ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، މި ސީޒަނުގައި އެ ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ޕްރިމިއާ ލީގުގެ ތާވަލުގެ ހަތްވަނައަށް ލިވަޕޫލް ވެއްޓިފައިވާއިރު، އެ ޓީމަށް ކުޅުނު 27 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

އެއާއެކު މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލުގެ މުހިންމު ބައެއް ކުޅުންތެރިން އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް އަޑުފެތުރުނު ނަމަވެސް، ދާދި ފަހުން ދިން އިންޓަވިއުއެއްގައި މާނޭ ވަނީ އޭނާ ލިވަޕޫލުގައި ހުރީ ހިތްހަމަޖެހިގެން ކަމަށް ބުނެފައެވެ. އަދި ވަރަށް ގިނަ ސަބަބުތަކާއެކު މިއީ ލިވަޕޫލަށް ދަތި އުދަނގޫ ދުވަސްތަކެއް ކަމަށާއި، ނަމަވެސް މި ހާލަތުން އަރައި ގަތުމަށް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނެ ކަމަށްވެސް މާނޭ ވަނީ ބުނެފައެވެ.

އެހެންކަމުން ލިވަޕޫލުގައި މާނޭ މަޑުކުރާނެ ކަމަށް ރިޕޯޓުތައް ބުނިއިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ކޮލިފައިނުވި ނަމަވެސް، މުހިންމު ކުޅުންތެރިން ކުލަބު ދޫކޮށްނުދާނެ ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕުވެސް ދާދި ފަހުން ވަނީ ބުނެފައެވެ.

ލިވަޕޫލުގައި މާނޭ މަޑުކުރާއިރު، ސައުތެމްޕްޓަން ދޫކޮށް ލިވަޕޫލަށް ބަދަލުވުމަށްފަހު މާނޭ އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މާނޭ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 207 މެޗުގައި 93 ލަނޑު ޖަހާފައެވެ. އަދި ވަނީ ލިވަޕޫލާއެކު ޕްރިމިއާ ލީގާއި، ޗެމްޕިއަން ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
27 މާރޗް 2021 | ހޮނިހިރު 18:44
ޢަހާނަމަ
ލިވަޕޫލް ނުވީތަ ؟ ނޫނީ ވުމުގެ ފުރުސަތު ހަނީތަ. ؟؟؟