އިސްރާއީލްގެ އާބާދީގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދީފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ވިދާޅުވެފައެވެ.
އިސްރާއީލަކީ އާބާދީގެ ބޮޑުބަޔަކަށް އެންމެ އަވަހަށް ވެކްސިން ދިން ގައުމެވެ. އެއާއެކު އެގައުމުގައި ކޮވިޑްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެގައުމުގައި ޖަހަމުން އަންނަނީ ފައިޒަރ ވެކްސިނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން އިސްރާއީލުގައި ވެކްސިން ދެމުން އަންނައިރު އުމުރުން 16 އަހަރުން މަތީގެ މީހުންނަށް އެގައުމުގައި އަންނަނީ ވެކްސިން ދެމުންނެވެ. އެއީ 9.3 މިލިއަންގެ އާބާދީއެއް އޮންނަ އިސްރާއީލްގެ އާބާދީގެ 69 އިންސައްތަ މީހުންނެވެ.
ވެކްސިން ދިނުމުގައި ހާސިލްކުރެވުނު ކާމިޔާބީ އާ ގުޅިގެން ހެލްތު މިނިސްޓަރ ނެރުއްވި ބަޔާނެއްގައި ވަނީ ވެކްސިން ޖެހިނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް އެދިވަޑައިގަންނަވާފައެވެ. ކޮވިޑް އެއްކޮށް ނައްތާލެވިގެންދާނީ އޭރުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ވެކްސިން ދޭންޖެހޭ އާބާދީގެ 72.5 އިންސައްތަ އަދި މުޅި އާބާދީގެ 50.07 އިންސައްތަ މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދީފައިވާކަމަށެވެ. މީގެއިތުރުން މުޅި އާބާދީގެ 55.96 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށް މިނިސްޓަރ ނެރުއްވި ބަޔާނުގައިވެއެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެގައުމުގައި އަންނަނީ ދޫ ދެމުންނެވެ. އެގޮތުން ގިނަ ވިޔަފާރިތަކެއް ހުޅުވާލާފައިވާއިރު ސްކޫލްތަކާއި އެއަރޕޯޓްތައް އަންނަނީ ހުޅުވާލަމުންނެވެ.
އިސްރާއީލްގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 85 އިންސައްތަ ދަށަށްގޮސްފައެވެ. އަދި ބަލި ހާލަތު ސީރިއަސްވާ އިންސައްތަ 72ށް ވަނީ ތިރިވެފައެވެ. އިސްރާއީލަށް ވަނީ ކޮވިޑްގެ ތިން ރާޅެއް އަރާފައެވެ. ނަމަވެސް ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން ތިން ވަނަ ރާޅުގައި ފެންނަ ކޭސްތަކުގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ.
ހެލްތު މިނިސްޓަރ ރޮއިޓަރސް އާ ވާހަކަދައްކަވަމުން ވިދާޅުވީ ވެކްސިން ޖަހަންޖެހޭ އެންމެންނަށް މެއި މަސް ނިމެންވާއިރަށް ވެކްސިން ދީ ނިމޭނެ ކަމަށެވެ. އެހެންނަމަވެސް ބައެއް އޮފިޝަލުން ލަފާކުރާ ގޮތުގައި ވެކްސިން ޖަހަންޖެހޭ މީހުންގެ 10 އިންސައްތަ މީހުން ވެކްސިނެއް ނުޖަހައެވެ.
އިސްރާއީލުގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިން ނަމަވެސް ފަލަސްތީނުގައި ވެކްސިން ދެމުން އަންނަނީ އަދި ވަކި މިންވަރަކަށެވެ. ހުޅަނގު އައްސޭރި އާއި ގައްޒާގައި ދެމުން އަންނަނީ އިސްރާއީލާއި، ރަޝިޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިތުރުން ކޮވެކްސް ފެސިލިޓީގެ ދަށުން ލިބިފައިވާ ވެކްސިންއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްނުދޭ މައްސަލާގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުންތައް އިޒްރާއީލަށް ވަނީ އަމާޒުވެފައެވެ. އެކަމާއި ގުޅިގެން އިސްރާއީލުން ބުނެފައިވަނީ އެސަރަހައްދުތަކުގައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދަންޖެހޭނީ ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުންކަމަށެވެ.
އިސްރާއީލާއި ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކަކުން ވަނީ ފަލަސްތީނުގެ މުޅި އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެދި އިސްރާއީލްގެ ސްޕްރީމްކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.