ޅ ފެލިވަރުން 66 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.
ޅ އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޅ ފެލިވަރުން ނެގި 104 ސާމްޕަލްގެ ތެރެއިން ނަތީޖާ ލިބިފައިވަނީ 88 ސާމްޕަލެއްގެއެވެ. މީގެތެރެއިން 66 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު 22 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ 16 ސާމްޕަލެއްވާ ކަމަށް ޅ އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.
މީގެއިތުރުން ޅ ނައިފަރުން ވަނީ މިހާތަނަށް 3 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް އައިއިރު ނައިފަރާއި ގުޅުންހުރި 9 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ނައިފަރުން ހދ ކުޅުދުއްފުއްޓަށް ދަތުރުކުރި 4 މީހަކާއި ނައިފަރުން މާލެ ދިޔަ ދެ މީހަކު ހިމެނެއެވެ. ނައިފަރުގައި ތިބި މީހުންނަކީ ރ އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން ނެގުނު ސާމްޕަލަކުން ޕޮޒިޓިވްވި މީހަކާއި ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ އިތުރުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި މީހެއްކަމަށް ޅ އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ހޮސްޕިޓަލުން ޕޮޒިޓިވްވި މީހާ ވަނީ މިހާރު ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައެވެ. ނައިފަރުން ކޮވިޑް ކޭސްތައް ފެނުމާއެކު އެރަށް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.
އެޗްޕީއޭ އިން ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ނައިފަރުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް އަންގައިފައެވެ.
ޅ ފެލިވަރުން ބޮޑު ކްލަސްޓަރ އެއް ފެނުމާއެކު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެލިވަރުން ފުރި އެންމެން ވެސް އެގޮތަށް އަމަލުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.
އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލް ނަގަައި ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެޗްޕީއޭ އިން ބުނީ އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
ހަމައެއާއެކު އެ މުއްދަތުތަކުގައި އެ ދެ ރަށުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނަގަން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނީ ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް، އެ ދެ ރަށުގައި އުޅުމަށްފަހު އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރަންވާނެ ކަމަށެވެ. އަދި އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލް، ނަގަައި ޓެސްޓްކުރަންވާނެ ކަމަށެވެ.