ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން މިމަހުގެ 12 ވަނަ ދުވަހު މޮނިޓަރިންގގެ ހާލަތަށް ގެނައި ނ.ޅޮހީގެ މޮނިޓަރިންގ އުވާލައިފިއެވެ.
ޅޮހީ މޮނިޓަރިންއިން ނަގާފައިވަނީ މާޗު މަހުގެ 25 ވަނަ ދުވަހުއެވެ. ޅޮހީގެ މޮނިޓަރިންގ އުވާލާފައިވީނަމަވެސް އެރަށުގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދޭ ގޮތުގައި މިވަގުތުވެސް އެރަށުގައި 24 މީހަކަށް އަންނަނީ ކޮވިޑް ޖެހިގެން ފަރުވާދެމުންނެވެ. ޅޮހީން މުޅި ޖުމްލަ 27 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. މިހާތަނަށް 3 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ޅޮހީން މުޅި ޖުމްލަ 446 ސާމްޕަލެއް ނަގާފައިވާއިރު 318 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ 100 ސާމްޕަލެއް އަދިވާ ކަމަށް ޅޮހީގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ.
ޅޮހީ މޮނިޓަރިންގ އިން ނަގާފައި ވީނަމަވެސް ކަރަންޓީނުކޮށްފައިވާ އެއްވެސް މީހަކު ގެއިން ބޭރަށް ނިކުތުމަކީ މަނާކަމެއްކަމަށް ޅޮހީ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުތުމަކީ މަނާކަމެއްކަމަށާއި ބޭރަށް ނިކުންނައިރު މާސްކު އެޅުމަށާއި ގައިދުރުކަން ގެންގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޅޮހިން އެންމެ ފުރަތަމަ ކޮވިޑު ކޭހެއް ފެނުނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. އެއީ ހޯމްކަރަންޓީނުގައި ހުރި މީހެކެވެ.
ރާއްޖޭގައި މިވަގުތު ރަށްރަށުން އަންނަނީ ކޮވިޑްގެ ކޭސްތައް ފެންނަމުންނެވެ. އަދި ބޮޑެތި ކްލަސްޓަރތަކެއް އަންނަނީ ފެންނަމުންނެވެ. އޭގެތެރޭގައި ޅ. އަތޮޅުގެ ފެލިވަރުން ފެނިފައިވާ ކްލަސްޓަރ ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރ. އުނގޫފާރު ކްލަސްޓަރ އާ ގުޅިގެން އެހިސާބުގެ ބައެއް ރަށްރަށް މިހާރުވެސް ވަނީ މޮނިޓަރިންގގެ ހާލަތަށް ގެނެސްފައެވެ.