ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުހެރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި ޖަރުމަން މޮޅުވިއިރު، ސްޕެއިން ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ ސެން މެރީނޯ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޤައުމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ޖޭމްސް ވޯޑް-ޕްރައުސް އިންގްލެންޑަށް ލީޑު ނަގައިދިންއިރު، އޭގެ ހަތް މިނެޓު ފަހުން ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ އިންގްލެންޑަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑުގެ ތިންވަނަ ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންނެވެ. މި މެޗުގެ ދެވަނަ ހާފުގައިވެސް އިންގްލެންޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ކަލްވެޓް-ލެވިން ވަނީ އިންގްލެންޑުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި އިންގްލެންޑުގެ ފަހު ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޅިން އަލަށް ޤައުމީ ޓީމު މެޗެއް ކުޅުނު އޮލީ ވަޓްކިންސްއެވެ.
ސެން މެރީނޯ ބަލިކޮށް އިންގްލެންޑުން ކޮލިފައިންގެ ފެށުން ރަނގަޅުކުރިއިރު، މި ގްރޫޕުގައި ހިމެނޭ އަލްބޭނިއާ ވަނީ ބުރާސްފަތި ދުވަހުހެރޭ އެންޑޯރާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ހަންގޭރީ އާއި ޕޮލެންޑް ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މީގެ އިތުރުން ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަން މޮޅުވީ އައިސްލެންޑް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ޖަރުމަނުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ލެއޯން ގޮރެޓްޒްކާ ޖަރުމަނަށް ލީޑު ނަގައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ކައި ހަވާޓްޒް ވަނީ ލަނޑެއް ޖަހައި، އެ ޤައުމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މި މެޗުގައި ޖަރުމަނުން ޖެހި ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާނެވެ.
މި މެޗުން ޖަރުމަން މޮޅުވިއިރު، މި ގްރޫޕުގައި ހިމެނޭ އާމީނިއާ ވަނީ ބުރާސްފަތި ދުވަހުހެރޭ ލިކްޓަންސްޓައިން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ނޯތު މެސެޑޯނިއާ އަތުން ރޯމޭނިއާ ވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ގްރޫޕް ބީއަށް ބަލާލާއިރު، ސްޕެއިނާއި ގްރީސް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ސްޕެއިން ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެ ޤައުމުންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު އެ ޤައުމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އެކަމަކު ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނެޓު ތެރޭ ގްރީސުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަނަސްތަސިއޯސް ބަކަސެޓާސްއެވެ.
ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ސްޕެއިން އެއްވަރުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ސްވިޑެނުން ވަނީ 1-0 ގެ ނަތީޖާއަކުން ޖޯޖިއާ ބަލިކޮށްފައެވެ. މީގެ އިތުރުން ގްރޫޕް ސީގައި ހިމެނޭ އިޓަލީން ވަނީ ނޯދަން އަޔަލެންޑާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.