މި ސީޒަނަށްފަހުވެސް ބާސެލޯނާގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ މަޑުކުރާނެ ކަމަށް އެ ޓީމުގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފިއެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބާސާގެ ކެޕްޓަން މެސީ ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައި، އެކަން ބާސާގެ މެނޭޖުމަންޓަށް އަންގާފައެވެ. އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެ ފަހަރު އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކޮށްފައެވެ. އެކަމަކު މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުސަތު މެސީއަށް ލިބެއެވެ.
މީގެ ކުރިން ބާސާ ދޫކޮށްލަން މެސީ ނިންމީ އޭރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެންނެވެ. އެކަމަކު އޭގެ ފަހުން ބާޓޮމެއު އިސްތިއުފާދިނުމާ ގުޅިގެން، ދާދި ފަހުން ބާސާގެ އައު ރައީސަކަށް ޖޮއާން ލަޕޯޓާ ވަނީ އިންތިޚާބުކޮށްފައެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރިވާލްޑޯ ބުނީ މި ފަހަކަށް އައިސް ބާސާގައި މެސީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އައު ރައީސާއެކު މި ވަގުތު ބާސާގައި މެސީ ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. އެހެންކަމުން މި ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލާނެކަން ގަބޫލުކުރަން ދަތި ކަމަށާއި، އޭގެ ބަދަލުގައި ކުރިއަށް އޮތް އަހަރުތަކުގައިވެސް މެސީ ބާސާގައި މަޑުކުރާނެ ކަމަށްވެސް ރިވާލްޑޯ ވަނީ ބުނެފައެވެ.
ބާސާގައި މެސީ މަޑުކުރާނެ ކަމަށް ރިވާލްޑޯ ބުނިއިރު، މީގެ ކުރިން ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި މެސީގެ ވިސްނުން ހުރީ 2023 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މަޑުކުރުމަށްފަހު، އޭގެ ފަހުން އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އަށް ބަދަލުވުމަށެވެ.
ނަމަވެސް މި ސީޒަން ނިމުމުން މެސީގެ އެއްބަސްވުން ހަމަވާއިރު، އޭނާ ހޯދުމަށް އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އާއި ފްރާންސްގެ ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރިޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން މިހާތަނަށް ކުޅުނު 768 މެޗުގައި 663 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.