ކޮވެކްސް ފެސިލިޓީއަށް އިންޑިޔާއިން މަރޗް އަދި އޭޕްރީލްމަހު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވެކްސިންގައި މަޑުޖެހުމެއް އައިސްފައިވާކަމަށް ވެކްސިން އެކިގައުމުތަކަށް ބެހުމުގައި ހަރަކާތްތެރިވާ ޔުނިސެފުން ބުނެފިއެވެ.
ކޮވެކްސް ފެސިލިޓީއަކީ ހަމަހަމަ ކަމާއެކު ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން އިސްވެ އުފައްދާފައިވާ ފެސިލިޓީއެކެވެ.
ކޮވެކްސް ފެސިލިޓީގެ ދަށުން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ލަސްތަކެއް ދިމާވާނެކަން ހާމަކޮށް ޔުނިސެފުން ބުނީ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގައި މަޑުޖެހުމެއް އުޅޭކަމަށެވެ. އެގޮތުން މަރޗް އަދި އޭޕްރީލް މަހު ގައުމުތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އަދަދަށް ވެކްސިން ނުލިބިދާނެކަމަށް ޔުނިސެފުން ބުނެއެވެ.
އެހެންކަމުން ކޮވެކްސްއިން މިހާރު ވަނީ ވީއެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔުމާ ގުޅޭގޮތުން އިންޑިޔާ ސަރުކާރާއެކު ވާހަކަދައްކަން ފަށާފައެވެ.
އަނެއްކޮޅުން އިންޑިޔާއިން ވަނީ އެސްޓްރަޒެނިކާ ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުން މިވަގުތަށް ހުއްޓާލާފައިވާކަމަށް ބުނެފައެވެ. އިންޑިޔާއިން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މަޑުޖައްސާލާފައި މިވަނީ އެގައުމުގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާތީއެވެ. އެހެންކަމުން އެގައުމުގެ އާންމުންނަށް ބޭނުންވާވަރަށް ވެކްސިން ހުރިކަން ކަށަވަރުކުރުމަށް އެގައުމުން ބޭނުންވެއެވެ.
ކޮވިޑް-19ށް ވެކްސިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރުވެސް ޖަހަމުން އަންނައިރު ވެކްސިން ލިބުމުގައި އަންނަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ. އެގޮތުން ޝެޑިއުލްކޮށްފައިވާ ތާރީޚުތަކަށް ވެކްސިން ގައުމުތަކަށް ލިބެމުންނުދާތީ ހަލުވިކަމާއެކު ވެކްސިން ދިނުމުގެ ޕްރޮގްރާމް ގައުމުތަކަށް ކުރިޔަކަށް ނުގެންދެވެއެވެ. އަނެއްކޮޅުން އައު ވޭރިއަންޓްތަކާއެކު ބައެއް ގައުމުތަކުގައި ކޭސްތައް ފެންނަމިންވަރު އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ.