ގަތަރުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ބުދަ ދުވަހު ގަތަރުގެ ކެބިނެޓުން ވަނީ ހުކުރު ދުވަހުން ފެށިގެން އަމަލުކުރަމުންގެންދާނެ ފިޔަވަޅުތައް އިއުލާންކޮށްފައެވެ. އެގޮތުން ވިޔަފާރިކުރުމާއި، ތައުލީމުދޭ ތަންތަނާއި ޖިމްތައް ބަންދުކުރުމާއި ރެސްޓޯރެންޓްތަކުން ހިދުމަތްދޭ ގޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.
ޖިމްތަކާއި ސްވިމިންގ ޕޫލްތަކާއި ވޯޓަރ ޕާކުތައް އަދި ސްޕާތައް މުއްދަތެއް ނެތްގޮތަށް ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ކުޅިވަރު ކުޅޭ ތަންތަނާއި އާންމު ތަންތަނުގައި ކަސްރަތުކުރެވޭ ގޮތަށް ހުރި ތަންތަނުގައި ވަކި މިންވަރަކަށް މީހުން ތިބެވޭ ގޮތަށް ހެދުމަށާއި ބީޗްތައް ވެސް ބަންދުކުރުމަށް ގަތަރުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްތާކަށް އެއްވެ ނުތިބުމަށް ވެސް ވަނީ އަންގާފައެވެ.
މިޔުޒިޔަމްތަކާއި ލައިބްރަރީތަކަށް އެތަންތަނުގެ ޖާގައިގެ 30 އިންސައްތައަށް ވާވަރަށް މީހުން ވެއްދޭއިރު ރެސްޓޯރެންޓްތަކުގައި ތިބެގެން ޚިދުމަތްދެވޭނީ އެތަނެއްގެ ޖާގައިގެ 15 އިންސައްތައިގައި މީހުން ތިބޭގޮތަށެވެ.
ސިނަމާތަކާއި ތިއޭޓަރުތަކުން ވެސް ޚިދުމަތްދެވޭނީ އެތަންތަނުގެ ޖާގައިގެ 20 އިންސައްތައަށް ވާވަރަށް މީހުން ވައްދައިގެންނެވެ. މީގެއިތުރުން 12 އަހަރުން ދަށުގެ ކުދިން ޝޮޕިންގ މޯލްތަކަށް ދިޔުން ވަނީ މަނާކޮށްފައެވެ.
އަދި އެއްވެސް ތަނެއްގެ އެތެރޭގައި އެއްވެސް ހަރަކާތެއް ބޭއްވުންވަނީ ވަކި މުއްދަތެއް ނެތްގޮތަށް މަނާކޮށްފައެވެ. ކައިވެނި ހަފްލާތައް ވެސް ބޭއްވުން ވަނީ މަނާކޮށްފައެވެ.
ސްކޫލްތަކާއި ތައުލީމުދޭ އެހެނިހެން ތަންތަނުގައި ވެސް ކިޔަވައިދިނުން އޮންލައިންކޮށް ކުރިޔަށް ގެންދާގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި މަސައްކަތްކުރާ ތަންތަނުގައި އެތަންތަނުގެ ޖާގައިގެ 80 އިންސައްތައަށް ވުރެ ގިނައިން މީހުން ނުބޭތިއްބުމަށް ވަނީ އަންގާފައެވެ.
ގަތަރުގައި ޔޫކޭ ވޭރިއަންޓް ފެތުރެމުންދިޔުމާއެކު ކޮވިޑް-19ގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ބުދަ ދުވަހު އެގައުމުން 570 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. ގަތަރުގައި ޖެނުއަރީ މަހު ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރި މީހުން އޭގެކުރީ މަހާ އަޅާބަލާއިރު ވަނީ 85 އިންސައްތަ ވަނީ އިތުރުވެފައެވެ.
ކޮވިޑްގެ ހާލަތު ގޯސްވަމުންދާނަމަ ފިޔަވަޅުތައް ވަރުގަދަކުރަމުން ގެންދާނެކަމަށް މިދިޔަ މަހު ގަތަރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.