ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރީކޮށް ލައިސަންސްއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރީކުރުމަށް އަންގާފައިވަނީ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވައިދަށް އަމަލުކުރަން ފެށުމުންނެވެ. ހެލްތު މިނިސްޓްރީން ވަނީ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދުގެ 49 ވަނަ މާއްދާގައިވާގޮތުގެ މަތިން އެގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެދަށުން ރަޖިސްޓްރީވުމަށާއި، ލައިސަންސް ހޯދުމަށް ހެލްތު މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށް ބުނެފައެވެ. އެގޮތުން މި ގަވާއިދުގެ ދަށުން ހެލްތު މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަން އަދި ލައިސަންސް ހޯދުމަށްޓަކައި 31 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ހެލްތު މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައްވާފައެވެ.
މިޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަނާއި ލައިސަންސް ދިނުމަށް ހުށަހެޅުއްވުމަށްފަހު އެތަނެއް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމަށް 30 ދުވަހުގެ މުއްދަތެއް ނަގާނެކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކޮށް ލައިސަންސް ހޯދުމަށް ބޭނުންވާ ފޯމް ހެލްތު މިނިސްޓްރީގެ ވެބްސައިޓުންނާއި އެ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި، މިކަމާގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ [email protected] އަށް މެއިލްކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.
މިދިޔަ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދަކީ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ގިންތިކުރުމާއި، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި، ލައިސަންސް ދިނުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން، ޞިއްޙީ ޚިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމުގެ އުޞޫލުތައް ވަނީ ކަނޑައަޅާފައެވެ. އަދި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުން ޤާއިމުކުރަންޖެހޭ އުޞޫލުތަކާއި، ޤާނޫނުގެ ދަށުން ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ހުރުން ލާޒިމްކުރާ ކަންތައްތަކާ ގުޅޭ އުސޫލުތައް ވެސް ވަނީ ކަނޑައަޅާފައެވެ.
ޞިއްޙީ ޚިދުމަތްދޭ ތަންތަން ގަވައިދަށް އަމަލުކުރަން ފަށާތާ 180 ދުވަހުގެ ތެރޭގައި، ރަޖިސްޓަރީވެ ލައިސަންސް ހޯދުމަށް އެދިފައިވާއިރު، އެ މުއްދަތު ހަމަވުމަށްފަހު ރަޖިސްޓަރީނުކޮށް އަދި ލައިސަންސް ނުހޯދައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމަކީ ކުށެއްކަމަށް މި ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ގަވާއިދުގެ ދަށުން ރަޖިސްޓަރީނުކޮށް ޞިއްޙީ ޚިދުމަތް ދޭ ތަނެއް ހިންގާނަމަ، ނުވަތަ ޞިއްޙީ ޚިދުމަތެއްދޭނަމަ، އެ ތަނެއް ހިންގާ ފަރާތެއް، 50،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ހެލްތު މިނިސްޓްރީއަށް ވަނީ ދީފައެވެ.