ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ އިތުރު މައްސަލަތަކެއް ބަލައި، އޭނާ ހަ އަހަރާއި އަށް މަހަށް ސަސްޕެންޑްކުރަން ފީފާއިން ނިންމައިފިއެވެ.
ކޮރަޕްޝަނުގެ ތުހުމަތުތަކާ ފިއްތުންތަކާ ގުޅިގެން މިހާރު އުމުރުން 85 އަހަރުގެ ބްލެޓާ ވަނީ 2015 ވަނަ އަހަރު ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާފައެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތައް ސާބިތުވެ، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އަށް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފައެވެ. އެކަމަކު ފަހުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ އެ ސަސްޕެންޝަނަށް ލުޔެއްދީ ހަ އަހަރަށް ސަސްޕެންޝަން ކުޑަކޮށްފައެވެ.
އެހެންކަމުން އެ ސަސްޕެންޝަނުގެ މުއްދަތު މި އަހަރުގެ އޮކްޓޯބަރު މަހު ހަމަވަން އޮތް ނަމަވެސް، ބުދަ ދުވަހު ފީފާއިން ވަނީ އިތުރު މައްސަލަތަކެއްގައި ހަ އަހަރާއި އަށް މަހަށް ބްލެޓާ ސަސްޕެންޑްކޮށްފައެވެ. އެހެންކަމުން އޮކްޓޯބަރު މަހަށްފަހު، އަލަށް ދިން ސަސްޕެންޝަނަށް އަމަލުކުރަން ފަށާއިރު، މިހާރު އޮތްގޮތުން ބްލެޓާ އެއްކޮށް މިނިވަންވާނީ 2028 ވަނަ އަހަރެވެ.
މީގެ އިތުރުން ފީފާއިން ވަނީ އެ އިދާރާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭވެސް ހަ އަހަރާއި އަށް މަހަށް ސަސްޕެންޑްކޮށް، ދެ މީހުން 780،00 ޕައުންޑުން ޖޫރިމަނާކޮށްފައެވެ. ވަލްކޭއަށްވެސް އިތުރު ސަސްޕެންޝަނެއް އައިރު، ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ސަބަބުން މިހާރު އުމުރުން 60 އަހަރުގެ ވަލްކޭ ވަނީ 2016 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން 12 އަހަރަށް ސަސްޕެންޑްކޮށްފައެވެ. އެކަމަކު ފަހުން އެ އަދަބު 10 އަހަރަށް ބަދަލުކުރުމާ ގުޅިގެން، އެ އެ އަދަބު ތަންފީޒުކޮށް ހަމަވާނީ 2025 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ބުދަ ދުވަހު ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްލެޓާ އާއި ވަލްކޭއަށް މި އަދަބު ދޭން ނިންމީ އެ އިދާރާގެ މުބާރާތްތަކަކާ ގުޅޭ ބޯނަސްތަކެއްގެ ސިފައިގައި ރިޝްވަތުގެ ފައިސާ ދައުރުކުރި މައްސަލައިގައި ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މުއްދަތުގެ ތެރޭގައި ބޯނަހުގެ ގޮތުގައި ބްލެޓާއަށް 18 މިލިޔަން ޕައުންޑް ލިބިފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށް ފީފާއިން ވަނީ ބުނެފައެވެ.
ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ބްލެޓާ މައްޗަށް ކުރެވިފައިވާއިރު، 2015 ވަނަ އަހަރު ބްލެޓާ އެންމެ ފުރަތަމަ ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިޔަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީއެވެ. އަދި ފަހުންވެސް އެތައް ތުހުމަތުތަކެއް އޭނާއަށް ކުރެވިފައިވާއިރު، ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާ މިއުޒިމަކަށް ބްލެޓާގެ ދައުރުގައި ކޮށްފައިވާ ޚަރަދުތަކުގެ މައްސަލައެއްވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.