ކ. މާލެ
|
25 މާރޗް 2021 | ބުރާސްފަތި 10:00
ބެލްޖިއަމާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ 3-1 ން
ބެލްޖިއަމާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ބެލްޖިއަމާއި ޕޯޗުގަލް މޮޅުވިއިރު، ފްރާންސް އެއްވަރު
ފްރާންސް އާއި ޔޫކްރޭން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
ޕޯޗުގަލް މޮޅުވީ އަޒަރުބައިޖާން އަތުން 1-0 ގެ ނަތީޖާއަކުން
ބެލްޖިއަމް މޮޅުވީ ވޭލްސް އަތުން 3-1 ގެ ނަތީޖާއަކުން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުދަ ދުވަހުހެރޭ ކުޅުނު މެޗުތަކުން ބެލްޖިއަމާއި ޕޯޗުގަލް މޮޅުވިއިރު، އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ގްރޫޕް އީގައި ބެލްޖިއަމް މޮޅުވީ ފަހަތުން އަރައި ވޭލްސް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

ބެލްޖިއަމުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވޭލްސްއިންނެވެ. އެގޮތުން މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ވިލްސަނެވެ. އެކަމަކު ފުރަތަމަ ހާފުގެ ހަ މިނެޓު ތެރޭ ދެ ލަނޑު ޖަހައި، ބެލްޖިއަމުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ޖެހި ލަނޑުން ބެލްޖިއަމުން ނަތީޖާ އެއްވަރުކުރިއިރު، އޭގެ ހަ މިނެޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑެވެ. މި މެޗުގައި ބެލްޖިއަމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.

ވޭލްސް ބަލިކޮށް ބެލްޖިއަމުން ކޮލިފައިންގެ ފެށުން ރަނގަޅުކުރިއިރު، މި ގްރޫޕުގެ އަނެއް މެޗުން ބުދަ ދުވަހުހެރޭ ޗެކް ރިޕަބްލިކް ވަނީ ރަށުން ބޭރުގައި 6-2 ގެ ނަތީޖާއަކުން އެސްޓޯނިއާ ބަލިކޮށްފައެވެ.

ޕޯޗުގަލާއި އަޒަރުބައިޖާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕޯޗުގަލް މޮޅުވީ 1-0 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން ގްރޫޕް އޭގައި ހިމެނޭ ޕޯޗުގަލް މޮޅުވީ ބުދަ ދުވަހުގެރޭ އަޒަރުބައިޖާން އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޕޯޗުގަލުގެ ހޯމް މެޗު ކުޅެފައިވަނީ އިޓަލީގައި ހުންނަ ޔުވެންޓަސްގެ ދަނޑުގައެވެ. މި މެޗުގައި ޕޯޗުގަލުން އަޒަރުބައިޖާނުގެ ގޯލާ އަމާޒުކޮށް 15 ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާތައް ހުއްޓުވުމުގައި އެ ޓީމުގެ ގޯލްކީޕަރާއި ޑިފެންޑަރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެކަމަކު މި މެޗުން ޕޯޗުގަލް މޮޅުވީ ފުރަތަމަ ހާފުގައި ޖެހި ލަނޑާއެކުއެވެ. މިއީ މެޗުގެ 36 ވަނަ މިނެޓުގައި އަޒަރުބައިޖާނުގެ މަކްސިމް މެޑްވެޑޭވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަޒަރުބައިޖާން ބަލިކޮށް ޕޯޗުގަލުން ކޮލިފައިންގެ ފެށުން ރަނގަޅުކުރިއިރު، މި ގްރޫޕުގެ އަނެއް މެޗުން ބުދަ ދުވަހުހެރޭ ސާބިއާ ވަނީ އަޔަލެންޑް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ފްރާންސް އާއި ޔޫކްރޭން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން - ގެޓީ އިމޭޖަސް

ގްރޫޕް ޑީއަށް ބަލާލާއިރު، ބުދަ ދުވަހުގެރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ޔޫކްރޭން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ފްރާންސްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޤައުމުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ފްރާންސުން ލީޑު ނެގީ އޮންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފުގައި ޔޫކްރޭނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ މެޗުގެ 57 ވަނަ މިނެޓުގައި ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސް އެއްވަރުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ފިންލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗުވެސް ވަނީ އެއްވަރުވެފައެވެ. އެ މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މީގެ އިތުރުން ގްރޫޕް ޖީގައި ހިމެނޭ ތުރުކީން ވަނީ ބުދަ ދުވަހުގެރޭ 4-2 ގެ ނަތީޖާއަކުން ނެދަލެންޑްސް ބަލިކޮށްފައެވެ.

- ކޮމެންޓް