މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ބަނދަރުތަކުގައި މަސައްކަތްކުރާ މަޖޫރީންގެ ކަންކަން ބެލެހެއްޓުމަށް ޤަވައިދެއް ހަދައި، މިދިޔަ މަހުގެ ތެރޭގައި އަމަލުކުރަން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލްއިން މިހެން ބުނެފައި މިވަނީ "ކްލިއަރެންސް އެޖެންޓް ރަޖިސްޓްރޭޝަން ގަވާއިދަ"ށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް 30 އެޕްރީލް 2021 ކުރިން ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ، ރާއްޖޭގެ ވިޔަފާރީގެ ބަނދަރުތައް އަދި ވަކިން ޚާއްސަކޮށް މާލޭ ވިޔަފާރި ބަނދަރު މިހާރު އޮތްގޮތުން ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު އަބަދުވެސް އޮންނަކަމަށެވެ. މިފަދަ ކަންކަން ކުޑަކުރުމަށް މިހާތަނަށް އައިރު އެމްޕީއެލްގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ގިނަ އެސްއޯޕީތައް ތައްޔާރުކޮށްފައިވާއިރު، އެމްޕީއެލްގެ ބަނދަރަށް ވަންނަ އެހެން ފަރާތްތައް އަދި ވަކިން ޚާއްސަކޮށް ކްލިއަރިންގ ގްރޫޕްތައް މަސައްކަތްކޮށް، މަސައްކަތުގެ ކަންކަން ބެލެހެއްޓުމަށް އެއްވެސް އުސޫލެއް އެކުލަވާލެވިފައިނުވާކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ އެމްޕީއެލްގެ މުއައްޒަފުންގެ ރައްކާތެރިކަމައްޓަކައި މިވަގުތުވެސް ތިރީހަށްވުރެ ގިނަ އެސްއޯޕީތައް ތައްޔާރުކުރެވިފައިވާއިރު، ކްލިއަރިންގް ގްރޫޕްތައް ބެލެހެއްޓުަމަށްޓަކައި ހެދިފައިވަނީ ކްލިއަރެންސް އެޖެންޓް ރަޖިސްޓްރޭޝަން ގަވާއިދެއް އެކަނިކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކްލިއަރެންސް އެޖެންޓުން މަސައްކަތްކުރާގޮތުން މަޖޫރީން ހޯދަނީ ދުވަހު މަސައްކަތަށްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މި ސަބަބައްޓަކައި މަޖޫރީންގެ ކަންކަން ބެލެހެއްޓުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. މިއަހަރު ހިނގި ދެ ހާދިސާ ވެސް ހިނގުމުގައި މަޖޫރީންގެ ކިބައިގައި މަސައްކަތުގެ ތަޖުރިބާއާއި ތަމްރީން ނެތްކަން ފާހަގަކުރައްވާ ޝާހިދު ވަނީ މި މައްސަލަ ހައްލުކުރުމަށް އެމްޕީއެލްއިން ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމެއް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މަޖޫރީންގެ ކަންކަން ބެލެހެއްޓުމައްޓަކައި 2019 ވަނަ އަހަރު ޤަވައިދެއް އެކުލަވާލުމުގެ މަސައްކަތް ފެށިކަމަށް ޝާހިދު ވިދާޅުވިއެވެ. މި މަސައްކަތް ކޮވިޑްގެ ސަބަބުން މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ ފެބްރުއަރީމަހު މި މަސައްކަތް އެއްކޮށް ނިންމާ ގެޒެޓްކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. މި އައު ޤަވައިދުގެ ދަށުން އެމްޕީއެލްގެ ބަނދަރުތަކަށް ވަންނަ މަޖޫރީންގެ ކިބައިގައި ހުންނަންޖެހޭ ތަޖުރިބާއާއި ތަމްރީންގެ ވަކި މިންގަނޑެއް ކަނޑައަޅާފައިވާއިރު، މަޖޫރީން މަސައްކަތްކުރާގޮތުން ނުރައްކަލެއް އޮތްކަމަށް އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓަށް ފެނިއްޖެނަމަ އެކަން ހުއްޓުމުގެ ބާރު ވެސް ލިބިގެންވެއެވެ. މީގެ އިތުރުން މަޖޫރީންގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ ޗެކް ލިސްޓެއް އެކުލަވާލާ، ސަލާމަތީ ގިއަރުތައް ބޭނުންކުރާކަން ޔަޤީންކުރުން ވެސް މި ޤަވައިދުގެ މަޤްޞަދުގެ ތެރޭގައި ހިމެނޭކަމަށް ޝާހިދު ވިދާޅުވިއެވެ.
ޒަމާނުއްސުރު އަޅުގަނޑުމެންގެ މި އޮންނަ އާދައަކީ ކޮންޓެއިނަރު އޯޕަން ކުރުމަށްފަހު ދެން އެ ކޮންޓެއިނަރ ކްލިއަރިންގް އޭޖެންޓާ އެ ހަވާލުވީ. އަޅުގަނޑުމެންގެ މުއައްޒަފުންގެ ދައުރު އަނެއްހެން ދެން އަދާވީކަމަށް ބެލެވިފައި އެ އޮތީ. މި ދެންނެވި ކްލިއަރެންސް އެޖެންޓުންގެ ކަންކަން ބެލެހެއްޓުމަށް ހެދިފައި އޮތީ ރަޖިސްޓްރޭޝަން އެކަނި. ކްލިއަރެންސް އޭޖެންޓުން މަޖޫރީން ނަގަނީ މަސައްކަތެއް ލިބުމުން ދުވަހަށް މުސާރަ ދޭގޮތައް. މިގޮތަށް ކަންތައް ކުރީމަ އެއް ފަހަރު ރަޖިސްޓްރީކޮށްލާފައި ދެން ނިމުނީ. އަޅުގަނޑުމެން މިކަން ބަދަލުކުރުމަށް 2019 ވަނަ އަހަރުން ފެށިގެން ވާނީ މަސައްކަތްތަކެއް ފަށާފައި. އެގޮތުން ސަލާމަތީ ގިއަރު ބޭނުންކުރާނެގޮތާއި މިކަންކަން ސޭފްޓީ ވީކްގައިވެސް ވަނީ ކިޔާދީފައި. މީގެ އިތުރުން މަޖޫރީންގެ ކަންކަން ބެލެހެއްޓުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައިވާނީ. އެކަމަކު ކޮވިޑްގެ ސަބަބުން މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މިދިޔަ މަހު މިވަނީ މަސައްކަތް ނިންމާ ގެޒެޓްވެސްކޮށްފައި. މީގެ ސަބަބުން ގިނަ ހައްލުތަކެއް ލިބިގެންދާނެއެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރ ޝާހިދު އަލީ
އެމްޕީއެލްއިން ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަނދަރުތަކުގައި މަސައްކަތްކުރާ މަޖޫރީންގެ ކަންކަން ބެލެހެއްޓުމަށް ޤަވައިދެއް ހަދާ މިދިޔަ މަހުގެ ތެރޭގައި އަމަލުކުރަން ފަށާފައިވާކަމަށް ހާމަކޮށްފައިވާއިރު، އެމްޕީއެލްގައި އެންމެ ފަހުން ހިނގި ނުރައްކާތެރި ދެ ހާދިސާ ހިނގުމުގައި އެކުންފުނީގެ އިހުމާލު އޮތްކަމަށް ދެކި، އިހުމާލުވީ ފަރާތްތަކާމެދު ޖިނާޢީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ކޮމިޓީއަށް ހާޒިރުކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީން ހިއްސާކުރި މަޢުލޫމާތުތަކަށް ބަލައި ކޮމިޓީގެ ރިޕޯޓްގައި ވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރުމަށް ހަދަންޖެހޭ އެސްއޯޕީތައް މިހާތަަނަށް ވެސް ހަދާފައި ނުވާކަމަށެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ރިސްކް އެސެސްމަންޓެއް ހަދަންޖެހޭއިރު، އެވެސް ހަދާފައި ނުވުމާއި، ޗެކްލިސްޓް ވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މަޖޫރީން ބަނދަރުގައި މަސައްކަތްކުރާނެ ގައިޑްލައިނެއް ވެސް އެކުލަވާލާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ. މީގެ އިތުރުން ބަނދަރުގައި މަސައްކަތްކުރާ މަޖޫރީންނަށް ދޫކުރާ ހެވީ ވެހިކަލް ދޫކުރާނެ އުސޫލެއް ނެތުމާއި އެ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލްތައް ވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.