މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އެޅި ރައްޖާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އިރު އޮއްސި ހައެއްގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައި އޮތް އޮތުން އުވާލައިފިއެވެ.
އެޗްޕީއޭއިން އާންމު ކުރި ބަޔާނުގައި ބުނީ އިރު އޮއްސި ހަޔަކުން ފެށިގެން ހެނދުނު ހަޔަކާ ދެމެދު އެއްގަމު އުޅަނދުފަހަރު ނުދުއްވޭގޮތަށް ކަނޑައެޅި އުސޫލު އުވާލާފައިވާ ކަމަށެވެ. އެގޮތަށް ކަނޑެޅީ މިދިޔަ މަހު 12ން ފެށިގެންނެވެ. މި އުސޫލު އުވާލި ނަމަވެސް ރޭގަނޑު 11 ފަހުން ބޭރުގައި އުޅުން މާނަކޮށްފައި އޮތް އޮތުމަކަށް ބަދަލެއް ނާދެއެވެ.
މީގެ އިތުރަށް މާލެ ސަރަހައްދުގައި ޕާކު ތަކާ މައިޒާންތައް ބަންދުކޮށްފައި އޮތް އޮތުން ވެސް ވަނީ އުވާލާފައެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން މުޅި ރާއްޖޭގައި ކޮވިޑ-19ގެ ކޭސްތައް އިތުރުވެ ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ރޭގަނޑު 11ގެ ފަހުން ބޭރުގައި އުޅުން މަނާކޮށްފައިވާއިރު، ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ދެވޭނީ ރޭގަނޑު 10:30ގެ ނިޔަލަށެވެ. އަދި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމާއި ކޮލެޖު ޔުނިވަރސިޓީތަކުގައި ކްލާހަށް ހާޒިރުވެ ކިޔަވައިދިނުން ވެސް ވަނީ މަނާކޮށްފައެވެ.
އެކަނިކުރާ ކަސްރަތުތައް ނޫން އެހެން ކުޅިވަރުތަކާއި ދުވާ ޓްރެކްތައް ވެސް ބަންދުކޮށްފައިވާއިރު، ސިނަމާތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ސްކޫލްތަކުގައި ޕްރީ ސްކޫލްތަކުގެ ކިޔެވުން ހުއްޓާލާފައިވާއިރު ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނަށް ކިޔަވާދެނީ އޮންލައިންކޮށެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއަށް ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އައިސްފައިވާއިރު އިތުރު ލޮކްޑައުން އަކަށް ނުގޮސް މިހާލަތުން އަރައިގަންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.