ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ކުޅެވޭނެކަން އަދި ޔަގީން ނޫން ކަމަށް އެ ޤައުމުގެ ކޯޗު ފްރޭންކް ޑި ބޮއާ ބުނެފިއެވެ.
ވެން ޑައިކުގެ ކަކުލަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވަޓަނާ 2-2 ން ލިވަޕޫލް އެއްވަރުވި މެޗުގެ ތެރެއިންނެވެ. މި އަނިޔާއާ ގުޅިގެން ވެން ޑައިކުގެ ކަކުލަށް ބޮޑު ގެއްލުމެއްވިއިރު، އަނިޔާއިން ރަނގަޅުވުމަށް އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. މި އަނިޔާއާ ގުޅިގެން މި ސީޒަނުގައި ވެން ޑައިކަށް ދެން ނުކުޅެވޭނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، އޭނާ އަންނަނީ އޮޕަރޭޝަނަށްފަހު އަލުން ފިޓްވުމަށް އެކަނި ތަމްރީނު ހަދަމުންނެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ޓީމުގެ ތަމްރީނުތަކުގައި އޭނާ ބައިވެރިވުމުގެ ފުރުޞަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދާދި ފަހުން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕުވެސް ވަނީ ޔޫރޯގައި ވެން ޑައިކަށް ނުކުޅެވިދާނެ ކަމަށް ބުނެފައެވެ. އެގޮތުން ކްލޮޕް ބުނީ ވެން ޑައިކަށް ލިބުނީ ސީރިއަސް އަނިޔާއެއް ކަމަށާއި، އެހެންކަމުން މި ދަނޑިވަޅުގައި ވާދަވެރި މުބާރާތެއް ކުޅުމަކީ އޭނާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އަދި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑި ބޮއާ ބުނީ އަނިޔާއިން އެއްކޮށް ރަނގަޅުވާން ވެން ޑައިކަށް އަދި މަދުވެގެން އަށް ހަފުތާ ބޭނުންވާ ކަމަށެވެ. އެކަމަކު އެ މުއްދަތަށްފަހު އޭނާއަށް ކުޅުމުގެ ތެރެއަށް އަނބުރާ އާދެވޭނެކަން އަދި ޔަގީންނުވާ ކަމަށާއި، އެހެންކަމުން ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެކަން އަދި ޔަގީންނުވާ ކަމަށްވެސް ޑި ބޮއާ ވަނީ ބުނެފައެވެ.
ޑި ބޮއާ މިހެން ބުނި ނަމަވެސް، ނެދަލެންޑްސްގެ ކުރީގެ ކޯޗު އަދި ބާސެލޯނާއަށް މިހާރު އިރުޝާދުދެމުން އަންނަ ރޮނާލްޑް ކޫމަން ވަނީ ޔޫރޯގައި ވެން ޑައިކަށް ކުޅެވޭނެ ކަމަށް ބުނެފައެވެ. އޭނާ ބުނީ ވެން ޑައިކަކީ މާލީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ބެލިޔަސް ލިވަޕޫލަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެކަމަކު އޭނާ ދެކޭ ގޮތުގައި ވެން ޑައިކަށް ޔޫރޯގައި ކުޅެވޭނެ ކަމަށެވެ.
ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެން ޑައިކަށް ކުޅެވޭނެކަން އަދި ޔަގީން ނުވާއިރު، އެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.