ރާއްޖޭގައި އަދިވެސް ކޮވިޑް-19ގެ ނުރައްކާ ކުޑަނޫންކަމަށާއި އެހެންކަމުން މިވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ބޭއްވުން މުހިންމުކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާންކޮށްފައި އޮންނަތާ އަހަރެއް ވަނީ ވެފައެވެ. 2020 ވަނަ އަހަރުގެ މަރޗް މަހުގެ 12 ވަނަ ދުވަހު އެންމެ ފުރަތަމަ 30 ދުވަހަށް އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 12 ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. އަދި މިހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއްވެސް އަންނަނީ އަޅަމުންނެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަކިން ޚާއްސަކޮށް ކެފޭ ރެސްޓޯރެންޓްތަކަށް ވަމުންދާ ގެއްލުންތަކާއި ގުޅިގެން ފިޔަވަޅުތައް އަޅަމުންދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އިގްތިޞާދީ ކޮމިޓީގެ ބައްދަލުވުމެއް ވަނީ ހޯމަ ދުވަހު ބާއްވާފައެވެ. މި ބައްދަލުވުމަށް އެޗްޕީއޭގެ އިސްވެރިން ހާޒިރުކޮށް މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް އެޗްޕީއޭއަށް އަމާޒުކޮށްފައެވެ. މައިގަނޑު ގޮތެއްގައި މެމްބަރުން ސުވާލުތައް އަމާޒުކޮށްފައިވަނީ ފިޔަވަޅުތައް އެޅުމުގައި ބަލާ މިންގަނޑުތަކާއި ފިޔަވަޅުތަކަށް ލުއިތައް ދެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.
އެގޮތުން މިހާރުގެ ހާލަތު އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިތޯ ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލްމުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މައިމޫނާ ވިދާޅުވީ މިހާރު އަޅަމުންދާ ފިޔަވަޅުތައް އަޅަމުންދަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮވެގެންކަމުގައެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅޭނެ ގޮތެއް އޮންނަންވާނެކަމަށް ގަބޫލުކުރައްވާކަމަށް މައިމޫނާ ވިދާޅުވިއެވެ.
ނުރައްކާ އަދިވެސް ކުޑައެއް ނޫން. ދުނިޔޭގައި ޕެންޑަމިކްގެ ހާލަތު ރަނގަޅެއްނުވޭ. އެހެންވީމަ އެގޮތުން އަޅުގަނޑުމެންނަށް މިހާރު މި ކުރެވޭ މަސައްކަތްތައް ކުރުމަށް މަގުފަހިކުރުމަށްޓަކައި އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އަދިވެސް [ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު] އޮތުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ބަލައިގަންނަން. އެހެން ނުހަދައިފި ކަމަށް ވާނަމަ، އަޅުގަނޑުމެންނަށް އަޅަންޖެހޭ ފިޔަވަޅުތަކުގަ ނުވަތަ މޫވްމަންޓް ރެސްޓްރިކްޝަންސް ކަހަލަ ކަންކަމުގަ އަޅުގަނޑުމެންނަށް ކުރިއަށް ގެންދިއުން ދަތިކަމަކަށް ވާނީ،މައިމޫނާ އަބޫބަކުރު/ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު
މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބޭނީ ކޮން އިރަކުންތޯ މެމްބަރުން ވަނީ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ. އެސުވާލުތަކަށް ޖަވާބު ދެއްވަމުން މައިމޫނާ ވިދާޅުވީ ފިޔަވަޅުތައް އަޅަނީ އެއްވެސް ބަޔަކަށް ދައްޗެއް ދިނުމުގެ ބޭނުމުގައި ނޫންކަމަށެވެ. އަދި ބަލި ފެތުރޭ މިންވަރާއި ގޮތަށް ބެލުމަށްފަހު ފިޔަވަޅުތައް އަޅަމުން ގެންދަނީ ދިރާސާތަކެއް ކުރެވިގެންކަމަށް މައިމޫނާ ވިދާޅުވިއެވެ. މީގެއިތުރުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު ކިރިޔާވެސް ލުއި ދެވެން އޮންނަނަމަ ލުއިތައް ދެމުން ގެންދާނެކަމަށް މައިމޫނާ ވިދާޅުވިއެވެ.
ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހައިރިސްކް ކެޓަގަރީގައި ހިމެނޭ ބައިތަކަށް ބަލައިގެން ފިޔަވަޅުތައް އަޅަމުންދާކަމަށް މައިމޫނާ ވިދާޅުވިއެވެ.
ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ޚާއްސަގޮތެއްގައި ދަންނަވާކަމަށް ވާނަމަ އެއީ ހައިރިސްކް ކޮށް ބަލިފެތުރިދާނެ ތަނެއްކަމަށް ފާހަގަކުރަން. އެއީ މާސްކު ނާޅާ ގައިދުރުކަން ނެތް ގޮތަށް ގިނަ ބަޔަކު ތިބުމަކީ ވަރަށް ބޮޑު ރިސްކެއް އެކަމުގައި އޮތްކަމެއް. އެހެންނަމަވެސް ވަރަށް ގިނަ ފަހަރަށް މިކަން ނުކޮށް ބަންދުނުކޮށް ކުރިޔަށްގެންދެވޭ ގޮތަކަށް އެކަން ކޮށްފައިވާނީ އިންސްޕެކްޝަން ތަކެއް ކުރިޔަށް ގެންދިޔައިން އެގޮތްގޮތަށް ކަންކަންކޮށް އެމައުލޫމާތުތައް އަރުވައި މިންގަނޑުތައްވެސް ވަރަށް ރަނގަޅަށް ކިޔައިދީ ހޭލުންތެރިކަން އިތުރުކޮށްދީ މިކަންކަމުން މަސައްކަތްކޮށްފައި ހުރީ ވަރަށް ބޮޑަށް ތިން ބުރަކަށް މާލޭގެ ހުރިހާ ތަނެއް އެހަމައެކަނި ރެސްޓޯރެންޓް ކެފޭއެއް ނޫން ވިޔަފާރި ކުރާ ހުރިހާ ތަނެއް ޖިމްސް، ސެލޫން، ފިހާރަތައް ، ޓްރާންސްޕޯޓްގެ ހުރިހާ ތަނެއް ބަލާ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅުތައް އަޅަމުންދިޔައީ. ހުރިހާ ލެވެލެއްގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއްކޮށް ބެލެމުން މިދަނީ.މައިމޫނާ އަބޫބަކުރު/ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު
ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް ދިމާވަމުންދާ ދަތިތަކުގެ ސަބަބުން ވަކިން ޚާއްސަކޮށް ކެފޭ، ރެސްޓޯރެންޓްތައް ރޭގަނޑު ނުހުޅެވޭ ގޮތަށް އެޗްޕީއޭއިން ގަވާއިދަށް ބަދަލު ގެނައުމުން އެފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް ފާޅުކޮށްފައެވެ. އެއާއެކު އެގައިޑްލައިނަށް ވަނީ ބަދަލުގެނެސް ރެސްޓޯރެންޓް ހުޅުވާފައި ބެހެއްޓޭނެ ގަޑި އިތުރުކޮށްފައެވެ.