ކޮވިޑް-19ގެ ސަބަބުން ނ. ޅޮހި މޮނިޓަރިންއަށް ލާފައިވާތީ ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެރަށުގެ ބައެއް އާއިލާތަކަށް ކެއާ ޕެކޭޖް ފޮނުވައިފިއެވެ.
އެ މިނިސްޓްރީން ބުނީ ޅޮހީ އާއިލާއަކަށް ކެއާ ޕެކޭޖް ފޮނުވާފައިވާ ކަމަށާއި، ޕެކޭޖްތަކުގައި ހުންނާނީ ކެއިން ބުއިމާއި އެހެނިހެން ޒަރޫރީ ކަންކަމަށް ބޭނުންވާ ސާމާނު ކަމަށެވެ. މިނިސްޓްރީން ބުނީ ކެއާ ޕެކޭޖްތައް ފޮނުވާފައިވާނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި އާއިލާތަކާއި، ބަލިކަމުގައި އެނދުމަތިކޮށްފައި ތިބި މީހުންގެ އާއިލާތަކާއި، އަދި މިހާލަތުގައި ޒަރޫރީ ބޭނުންތައް ފުއްދާނެ ތަކެތި ހޯދުމަށް މާލީ އެހީ ބޭނުންވެފައިވާ އާއިލާތައް ބަލައި އެ އާއިލާތަކަށް އިސްކަންދީގެން ކަމަށެވެ. މީގެ އިތުރަށް އަދިވެސް އެ ރަށުގައި އެހީ ބޭނުންވެފައިވާ އާއިލާތައް ތިބިތޯ ބަލަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ އާއިލާތަކަށްވެސް އެހީ ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނ. ޅޮހިން ކޮވިޑް-19 ފެނި އެރަށް މޮނިޓަރިންއަށް ލާފައިވާތާ މިހާރު ވަނީ 9 ދުވަސްވެފައެވެ. ނ ޅޮހީގައި ހޯމް ކަރަންޓީނުގައިވާ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގގެ ހާލަތަށް ގެނެސްފައިވަނީ މާރޗް 13 ވަނަ ދުވަހުއެވެ. ޅޮހި މޮނިޓަރިންގ އަށް ލީކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މަރޗް މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 14:32ން ފެށިގެން އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރާކަމަށެވެ. މިކަމާއި ގުޅިގެން ޅޮހީގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ހޮނިިހިރު ދުވަހު ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރާނެ ކަމަށެވެ. ޅޮހީން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ސާމްޕަލްތަކެކެވެ. އެއަށްފަހު ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ތިބިއިރު ކޮންޓެކްޓްވި އާއިލާ ބައެއްކަމަށް މައުލޫމާތު ލިބެއެވެ.
ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ޅޮހި މޮނިޓަރިންގއަށް ލާފައިވާއިރު ޅޮހީ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައި ހޮޓާ ރެސްޓޯރެންޓްތަކުން ޑެލިވަރީ އަދި ޓޭކްއަވޭގެ ޚިދުމަތްދިނުމާއި ފިހާރަތައް ރޭގަނޑު ދިހައަކަށް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ކަސްރަތު ކުލާސްތަކާއި ހުރިހާ ކުޅިވަރު ކުޅޭތަންތަން ބަންދުކުރަން ނިންމާފައިވާއިރު ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީ އަދި ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކުލާސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މަގުމަތީގައި ޖޯލިފަދަ ތަކެތި ބަހައްޓައިގެން ނުތިބުމަށްވެސް ޅޮހީގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އަންގާފައެވެ.