ކ. މާލެ
|
22 މާރޗް 2021 | ހޯމަ 04:41
ސޮސިއެޑާޑާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 6-1 ން
ސޮސިއެޑާޑާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 6-1 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ބާސާ އާއި އެތުލެޓިކޯ ކުރިއަށް
އެތުލެޓިކޯ މޮޅުވީ އަލަވޭސް އަތުން 1-0 ގެ ނަތީޖާއަކުން
ބާސާ މޮޅުވީ ސޮސިއެޑާޑް އަތުން 6-1 ގެ ނަތީޖާއަކުން

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑުވެސް މޮޅުވެއްޖެއެވެ.

ބާސާ މޮޅުވީ ރެއާލް ސޮސިއެޑާޑް އަތުން 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗަކީ ބާސާގެ ސީނިއާ ޓީމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެދިން 768 ވަނަ މެޗެވެ. އެއާއެކު އޭނާ ވަނީ ބާސާއަށް އެންމެ ގިނަ މެޗު ކުޅެދީގެން، އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް މީގެ ކުރިން ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ.

ސޮސިއެޑާޑުގެ ދަނޑުގައި ކުޅުނު މެޗުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 37 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަނުގެ ލަނޑުން އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ދިން ޕާހަކުން މެޗުގެ 43 ވަނަ މިނެޓުގައި ބާސާއަށް ލީޑު ފުޅާކޮށްދިނީ ސާޖީނިއޯ ޑެސްޓެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 53 ވަނަ މިނެޓުގައި ޑެސްޓް ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ 56 ވަނަ މިނެޓުގައި މެސީ ލަނޑެއް ޖެހިއިރު، ބާސާއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި އަންޑަ ބަރެނެޓެއާ ސޮސިއެޑާޑަށް ލަނޑެއް ޖަހައިދިން ނަމަވެސް، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މެސީ ވަނީ ބާސާގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެތުލެޓިކޯ އާއި އަލަވޭސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 1-0 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މޮޅުވީ އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ އަލަވޭސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެތުލެޓިކޯއިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުއިސް ސުއަރޭޒެވެ. މިއީ އުމުރުން 34 އަހަރުގެ ސުއަރޭޒް، އޭނާގެ ކެރިއަރުގައި ޖެހި 500 ވަނ ލަނޑެވެ. މި މެޗުގައި ޖެހި ލަނޑާއެކު ސުއަރޭޒް ކެރިއަރުގައި 500 ލަނޑު ހަމަކުރިއިރު، އޭނާ އޮތީ މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ލަނޑު ލިސްޓުގެ ފަސްވަނައިގައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެތުލެޓިކޯއިން ލީޑު ނެގި ނަމަވެސް، މެޗު ނިމެން ގާތްވެފައި ވަނިކޮށް އަލަވޭސްއަށް ވަނީ ނަތީޖާ އެއްވަރުކުރަން ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު އަލަވޭސްގެ ހޮސެލޫ ފޮނުވާލި ޕެނަލްޓީ، އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލެކް ވަނީ މަތަކޮށްފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ ކުޅުނު 28 މެޗުން ލިބުނު 66 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބާސާއަށް 28 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 28 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.

- ކޮމެންޓް