ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19އަށް އިތުރު 140 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ 06:00ން ފެށިގެން އާދީއްތަ ދުވަހުގެ 06:00 އާއި ހަމައަށް ރާއްޖެއިން 4،397 މީހަކު ބައްޔަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 140 މީހުންނެވެ.
އިތުރު 140 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު، އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 102 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 17 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހުންނާއި، ކަނޑުމަތިން (ސަފާރީ/ ޔޮޓު) ޕޮޒިޓިވްވި 6 މީހުން އަދި ހަދަމުން އަންނަ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.
މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 22،513ށް ވަނީ އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2،436 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު، 95 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން 66 މީހަކު މިބަލީގައި ނިޔާވެފައިވާއިރު، 20،004 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު، މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ރާޅަކީ މީގެ ކުރިން ކުރިމަތިވި ވަރަށްވުރެ ނުރައްކާތެރި ރާޅެއްކަމަށް ސިއްޙީ އޮފިޝަލުން މައުލޫމާތު ދެއެވެ. އެއާއެކު ރާއްޖޭގައިވެސް ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.