ކ. މާލެ
|
21 މާރޗް 2021 | އާދީއްތަ 19:59
ފަތާ ޓްރެކް ސަރަޙައްދުގައި ގާއިމުކުރި ޑައިވިން ޕްލެޓްފޯމް
ފަތާ ޓްރެކް ސަރަޙައްދުގައި ގާއިމުކުރި ޑައިވިން ޕްލެޓްފޯމް
ކުޅިވަރާ ބެހޭ ވުޒާރާ
ފަތާ ޓްރެކުގެ މަސައްކަތް
ފަތާ ޓްރެކުގައި ގާއިމުކުރި ޑައިވިން ޕްލެޓްފޯމް އާންމުންނަށް ހުޅުވާލައިފި
ޖެނުއަރީ މަހު ސިޑިބަރި ވަނީ އާންމުންނަށް ހުޅުވާލާފައި
ޑައިވިން ޕްލެޓްފޯމުގެ އިތުރުން ސްލައިޑެއް ވަނީ ހަރުކޮށްފައި

ފެތުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ފަތާ ޓްރެކް ސަރަޙައްދުގައި ގާއިމުކުރި ޑައިވިން ޕްލެޓްފޯމުގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލައިފިއެވެ.

މާލޭ އިރު ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ފަތާ ޓްރެކް ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ސަރަޙައްދުގައި ސިޑިބަރިއާއެކު ފާޚާނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކުރިއިރު، ފަހުން ވަނީ ޑައިވިން ޕްލެޓްފޯމެއް ގާއިމުކުރުމަށްވެސް ނިންމާފައެވެ.

އެގޮތުން އެ ސަރަޙައްދުގައި ގާއިމުކުރި ޑައިވިން ޕްލެޓްފޯމުގެ މަސައްކަތް ނިންމާލާފައިވާއިރު، އެ މަސައްކަތުގެ ދަށުން މޫދަށް އެރުމަށް ސްލައިޑެއްވެސް ވަނީ ހަރުކޮށްފައެވެ. އަދި ޑައިވިން ޕްލެޓްފޯމް އާންމުންނަށް ހުޅުވާލިކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ހޮނިހިރު ދުވަހު ހާމަކުރައްވާފައެވެ. އެގޮތުން ވަޒީރު ވަނީ ޑައިވިން ޕްލެޓްފޯމާއި ސްލައިޑް ބޭނުންކުރައްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އެ ވީޑިއޯ ހިއްސާކުރެއްވުމަށްފަހު ވަޒީރު ވަނީ މި މަސައްކަތަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އާއި ނައިބު ރައީސް އިސްމާޢީލް އަލީ އަދި މުޙައްމަދު ޝާރިފް ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ސްވިމިން އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވީ ޑައިވިން ޕްލެޓްފޯމް އާންމުންނަށް ހުޅުވާލިއިރު، އާންމުންނަށް އެ ޕްލެޓްފޯމް ކޮންމެ ގަޑިއަކުވެސް ބޭނުންކުރެވޭނެ ކަމަށެވެ. އަދި މި ޕްލެޓްފޯމާއެކު ފަތާ ޓްރެކް ސަރަޙައްދަކީ މޫދު ކުޅިވަރުގެ ޕާކަކަށް ވެގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑައިވިން ޕްލެޓްފޯމުގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލިއިރު، މީގެ ކުރިން ޖެނުއަރީ މަހުގެ ތެރޭގައި ސިޑިބަރީގެ މަސައްކަތް ނިންމައި، އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް