ކ. މާލެ
|
21 މާރޗް 2021 | އާދީއްތަ 02:59
އެވަޓަނާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-0 ން
އެވަޓަނާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕް
އެވަޓަން ކަޓުވާލުމަށްފަހު ސިޓީ ސެމީއަށް
 
އެވަޓަން އަތުން ސިޓީ މޮޅުވީ 2-0 ގެ ނަތީޖާއަކުން
 
ސިޓީ އާއި ސައުތެމްޓަން ވަނީ ސެމީއަށް ދަތުރުކޮށްފައި

އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ އެވަޓަން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.

އެވަޓަނުގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެގޮތުން ސިޓީގެ ހަމަލާތައް ހުއްޓުވުމުގައި އެވަޓަނުގެ ޑިފެންޑަރުންނާއި، މި މެޗުގައި އެވަޓަނުގެ ގޯލު ބެލެހެއްޓި އެ ޓީމުގެ ތިން ނަންބަރު ގޯލްކީޕަރު ޖޮއާއޯ ވަޖީނިއާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެކަމަކު މި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ސިޓީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިލްކާއި ގުންޑޮގާނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ކެވިން ޑި ބްރޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ސިޓީއަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

އެވަޓަން ކަޓުވާލުމަށްފަހު އެފްއޭ ކަޕުގެ ސެމީއަށް ސިޓީ ދަތުރުކުރިއިރު، އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2019 ވަނަ އަހަރެވެ. އަދި މިހާތަނަށް ސިޓީން ވަނީ އެފްއޭ ކަޕް ހަ ފަހަރު ކާމިޔާބުކޮށްފައެވެ.

އެފްއޭ ކަޕުގެ ސެމީއަށް ސިޓީގެ އިތުރުން ސައުތެމްޓަން މިހާތަނަށް ދަތުރުކޮށްފައިވާއިރު، ކުއާޓާގެ އަނެއް ދެ މެޗު ކުޅޭނީ އާދީއްތަ ދުވަހުގެރެއެވެ. އެއަށްފަހު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މެއި މަހުގެ 15 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް