ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 16:48
ސްކޮޓްލެންޑުގެ ކުރީގެ މިޑްފީލްޑަރު ޕީޓާ ލޮރިމާ
ސްކޮޓްލެންޑުގެ ކުރީގެ މިޑްފީލްޑަރު ޕީޓާ ލޮރިމާ
ގެޓީ އިމޭޖަސް
ޕީޓާ ލޮރިމާ މަރުވުން
ލީޑްސްއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ލޮރިމާ މަރުވެއްޖެ
ލޮރިމާ ވަނީ ލީޑްސްއަށް 705 މެޗު ކުޅެދީ، 238 ލަނޑު ޖަހާފައި
ލޮރިމާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު

ލީޑްސް ޔުނައިޓެޑުގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ސްކޮޓްލެންޑުގެ ކުރީގެ މިޑްފީލްޑަރު ޕީޓާ ލޮރިމާ މަރުވެއްޖެއެވެ.

ލީޑްސްއިން ހާމަކޮށްފައިވާ ގޮތުން އުމުރުން 74 އަހަރުގައި ލޮރިމާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހުއެވެ. އެއާއެކު ލީޑްސްއިން ނެރުނު ބަޔާނުގައި ވަނީ އެ ޓީމަށް ލޮރިމާ ކޮށްދިން ޚިދުމަތް ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ކަމަށް ބުނެފައެވެ.

މީގެ ކުރިން ލޮރިމާ ވަނީ ދެ ފަހަރެއްގެ މަތިން ލީޑްސްއަށް ކުޅެ، އެ ޓީމުގައި 23 އަހަރު ހޭދަކޮށްފައެވެ. އެގޮތުން މި މުއްދަތުގައި އޭނާ ވަނީ ލީޑްސްއަށް 705 މެޗު ކުޅެދީ، 238 ލަނޑު ޖަހާފައެވެ. އެއާއެކު އޭނާއަކީ މިހާތަނަށްވެސް ލީޑްސްއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

ކުލަބު ކެރިއަރު ލޮރިމާ ފަށާފައިވަނީވެސް ލީޑްސްއިންނެވެ. އެގޮތުން 1962 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސައުތެމްޓަނާ ދެކޮޅަށް ލޮރިމާ ފުރަތަމަ މެޗު ކުޅުނުއިރު، އޭރު އޭނާގެ އުމުރަކީ 15 އަހަރާ 289 ދުވަހެވެ. އެއާއެކު ލޮރިމާ ވެފައިވަނީ ލީޑްސްއަށް މެޗެއް ކުޅެދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

އަދި ލީޑްސްއާއެކު އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ދެ ފަހަރު ލޮރިމާ ހޯދިއިރު، އޭނާ ވަނީ އެފްއޭ ކަޕުގެ ޗެމްޕިއަންކަން ދެ ފަހަރު އަދި އިނގިރޭސި ލީގު ކަޕުގެ ޗެމްޕިއަންކަން އެއް ފަހަރު ހޯދާފައެވެ. މީގެ އިތުރުން ސްކޮޓްލެންޑުގެ ޤައުމީ ފުޓްބޯޅަ ޓީމަށް 21 މެޗު ކުޅެދިން ލޮރިމާ ވަނީ 1974 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ސްކޮޓްލެންޑުން ކުޅުނު ތިން މެޗުގައިވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް