ފާއިތުވި 24 ގަޑީއިރު ނ ޅޮހިން އެއްވެސް މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިނުވާކަމަށް އެރަށުގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (ޅޮހީ އީއޯސީ)ން ބުނެފިއެވެ.
ޅޮހިން އެންމެ ފުރަތަމަ ކޮވިޑު ކޭހެއް ފެނުނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. އެއީ ހޯމްކަރަންޓީނުގައި ހުރި މީހެކެވެ.
އޭގެފަހުން މިހާރު 19 މީހަކު ވަނީ އެރަށުން ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. ޅޮހީ އީއޯސީން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހުކުރު ދުވަހުގެ އިރުއޮއްސި 19:30އާ ހަމައަށް އެރަށުން ޖުމްލަ 303 ސާމްޕަލެއް ވަނީ ނަގާފައެވެ. މީގެތެރެއިން 283 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އަދި ނަތީޖާ ނުލިބޭ 4 ސާމްޕަލެއްވާ ކަމަށް ޅޮހީ އީއޯސީން ބުނެއެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 54 ގެއެއް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.
ޅޮހީން ކޮވިޑް ކޭސްތަކެއް ފެނުމާއެކު އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ މި މަރޗް މަހުގެ 12 ވަނަ ދުވަހުއެވެ. ރަށް މޮނިޓަރިންގ އަށް ލާފައިވުމާއެކު ޅޮހީ އީ.އޯ.ސީގެ ފަރާތުން ވަނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސައިހޮޓާ ރެސްޓޯރެންޓްތަކުން ޑެލިވަރީ އަދި ޓޭކްއަވޭގެ ޚިދުމަތް ދިނުމާއި ފިހާރަތައް ރޭގަނޑު 10ޖަހާއިރު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ކަސްރަތު ކުލާސްތަކާއި ހުރިހާ ކުޅިވަރު ކޯޓުތައް ބަންދުކޮށްފައިވާއިރު ސްކޫލްތަކައި ކޮލެޖް ޔުނިވަރސިޓީ އަދި ޓިއުޝަން ކުލާސްތަކާއި ގުރުއާން ކުލާސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. މަގުމަތީގައި ޖޯލިފަތި ފަދަ ތަކެތި ބަހައްޓައިގެން ނުތިބުމަށްވެސް ޅޮހީ އީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު ރ އުނގޫފާރުން މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވުމާއި ގުޅިގެން ހުކުރު ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ. އަދި ދ ކުޑަހުވަދޫންވެސް ކޮވިޑްގެ ކޭސްތަކެއް ފެނުމުން އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ. ރާއްޖޭގައި މިވަގުތު 2447 މީހަކަށް އަންނަނީ ކޮވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.