ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 05:04
ޑަބްލިޔުއެޗްއޯ
ޑަބްލިޔުއެޗްއޯ
އޭއެފްޕީ
އެސްޓްރަޒެނެކާ ވެކްސިންގެ ރައްކާތެރިކަން
ޑަބްލިއުއެޗްއޯއިންވެސް އެސްޓްރަޒެނެކާ ވެކްސިންގެ ރައްކާތެރިކަން ކަށަަވަރުކޮށް ވެކްސިން ޖެހުމަށް ގޮވާލައިފި
 
މިހާތަނަށް އައިރު ދުނިޔޭގެ އާބާދީގެ 260 މިލިއަން މީހުންނަށް އެސްޓްރާޒެނެކާގެ ވެކްސިން ވަނީ ޖަހާފައި
 
ޑަބްލިއުއެޗްއޯއިން އުފައްދާފައިވާ ކޮވެކްސް ފެިލސިލިޓީގެ ވެކްސިންގެ 90 އިންސައްތަ ހިއްސާކުރަނީ އެސްޓްރަޒެނެކާ ވެކްސިން
 
ޑަބްލިއުއެޗްއޯގެ ޚާއްސަ ޕެނަލްއަލްކުން ވަނީ އެސްޓްރަޒެނެކާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިރާސާތަކެއް ކޮށްފައި

ޔޫރަޕިއަން މެޑިސިން އޭޖެންސީ، އީއެމްއޭއަށް ފަހު ޑަބްލިއުއެޗްއޯއިންވެސް އެސްޓްރަޒެނެކާ ވެކްސިންގެ ރައްކާތެރިކަން ކަށަަވަރުކޮށް ވެކްސިން ޖެހުމަށް ގޮވާލައިފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޚާއްސަ ޕެނަލްއަކުން ވަނީ އެސްޓްރަޒެނެކާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިރާސާތަކެއް ކޮށްފައެވެ. މި ދިރާސާތައް ދައްކާގޮތުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުމުން ލޭގަނޑުވުން ނުވަތަ ބްލަޑް ކްލޮޓް އުފެދުމުގެ ފުރުސަތު އޮތްކަމަކަށް ސާބިތުވެފައެއް ނުވެއެވެ. މިކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދަނޯމް ގެބްރިއޯސުސް ވަނީ އެސްޓްރަޒެނެކާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެފައިވާކަމަށް ވިދާޅުވެ، މި ވެކްސިން ޖެހުމަށް ގޮވާލައްވާފައެވެ. މިވަގުތު ކޮވިޑް ބަލިމަޑުކަމުން އަރަގަތުމަށް އޮތް ހަމައެކަނި މަގަކީ ވީހާވެސް ގިނަ މީހުން ވެކްސިން ޖަހައިގެންކަން ފާހަގަކުރައްވާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލްވަނީ، އެސްޓްރާޒެނެކާގެ ވެކްސިންއަކީ މިވަގުތު އެންމެ އިތުބާރު ބޮޑު އެއް ވެކްސިންކަމަށް ވިދާޅުވެފައެވެ. ވެކްސިން ޖެހުމުން ލޭގަނޑުވުމަށް މަގުފައިވާ ވާހަކައަށް އިޝާރާތްކުރައްވާ ޓެޑްރޯސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުންވެސް ލޭގަނޑުވުމާއި ލޭގެ ޕްލެޓްލެޓްސް ކައުންޓް މަދުވުން ފަދަ މައްސަލަތައް ފެނުމަކީ އެކަށީގެންވާކަމެއްކަމަށް ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ ދިރާސާތަކަށް ބިނާކޮށް އެސްޓްރަޒެނެކާ ވެކްސިންގެ ރައްކާތެރިކަން ކަށަަވަރުކޮށް ވެކްސިން ޖެހުމަށް ގޮވާލާފައިވާއިރު، މި ޔަޤީންކަން ލިބުމުގެ ކުރިންވެސް މި ވެކްސިން ޖެހުން ހުއްޓާނުލުމަށް ބައިނަލްއަޤްވާމީ މި ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އޭރު ވަނީ ބުނެފައެވެ. އެސްޓްރަޒެނެކާ ބޭނުންކުރުމުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ސްޕޯކްސްޕަރސަން މާގްރެޑް ހެރިސްވަނީ އެސްޓްރަޒެނެކާގެ ވެކްސިންއަކީ "ބަރާބަރު" ވެކްސިނެއްކަމަށް ސިފަކުރައްވާފައެވެ. އަދި މި ވެކްސިންޖެހުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، މި ވެކްސިންޖެހުން ކުރިއަށްގެންދިއުމަށް ވަނީ ލަފާދެއްވާފައެވެ. މިހާތަނަށް އައިއިރު އެސްޓްރަޒެނެކާގެ ވެކްސިން ދުނިޔޭގެ އާބާދީގެ 260 މިލިއަން މީހުންނަށް ޖަހާފައިވާއިރު، މި ވެކްސިންގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާކަން ސާބިތުވެފައިނުވާކަމަށް ޑަބްލިއުއެޗްއޯގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ. ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކަށް ވެކްސިންގެ ޔަޤީންކަން ކަށަވަރުކުރުމަށް ޑަބްލިއުއެޗްއިން އުފައްދާފައިވާ ކޮވެކްސް ފެިލސިލިޓީގެ ވެކްސިންގެ 90 އިންސައްތަ ހިއްސާކުރަނީ އެސްޓްރަޒެނެކާ ވެކްސިންނެވެ.

އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެ، ވެކްސިން ޖެހުން ހުއްޓާލި ޤައުމުތަކުން އަލުން ވެކްސިން ޖަހަން ފަށަން ނިންމާފައިވާކަން ހާމަކުރަން ވަނީ ފަށާފައެވެ. އެގޮތުން ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގައި ހުކުރު ދުވަހުން ފެށިގެން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުމަށް ހުއްދަދޭން ދެ ޤައުމުގެ ބޮޑު ވަޒީރުން ވަނީ ނިންމާފައެވެ. އަދި ސްޕޭނުން ވަނީ ބުދަ ދުވަހު އެސްޓްރަޒެނެކާގެ ވެކްސިން ޖެހަން ފަށާނެކަން ހާމަކޮށްފައެވެ. އެސްޓްރަޒެނެކާއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާތަކުން އެ ކުންފުނީގެ ވެކްސިންގެ ޔަޤީންކަން ކަށަވަރުކޮށްދިނުމުން އެކަމަށް މަރުޙަބާ ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް