ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ދަތުރުކުއިރު، ގަދަ 16 އިން ޓޮޓެންހަމް ހޮޓްސްޕާ ކަޓައިފިއެވެ.
މި މުބާރާތުގެ ކުއާޓާއަށް ޔުނައިޓެޑް ދަތުރުކުރީ ގަދަ 16 ގައި އޭސީ މިލާން އަތުން 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. އެގޮތުން ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ބުރާސްފަތި ދުވަހުގެރޭ މިލާނުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުން ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާއެވެ. މި މެޗުގައި ޕޮގްބާ ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މީގެ އިތުރުން މި މުބާރާތުގެ ކުއާޓާއަށް އާސެނަލް ދަތުރުކުރިއިރު، ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ވަނީ އޮލިމްޕިއާކޯސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު އޮލިމްޕިއާކޯސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 3-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވުމާ ގުޅިގެން، އެގްރިގޭޓުން އާސެނަލަށް ވަނީ 3-2 ގެ ނަތީޖާއަކުން ކުރި ލިބިފައެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި އޮލިމްޕިއާކޯސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސެފް އެލް އަރާބީއެވެ. އެކަމަކު މި މެޗު އޮލިމްޕިއާކޯސްއިން ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ އޫސެނޫ ބާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާއަށް ޔުނައިޓެޑާއި އާސެނަލް ދަތުރުކުރި ނަމަވެސް، މި މުބާރާތުން ޓޮޓެންހަމް ކެޓީ ގަދަ 16 އިން ޑީނަމޯ ޒަގްރެބް އަތުން 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ. އެގޮތުން ފުރަތަމަ ލެގުން އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވި ނަމަވެސް، ބުރާސްފަތި ދުވަހުގެރޭ ޒަގްރެބްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުން ޓޮޓެންހަމް ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ޒަގްރެބުން ލީޑު ނަގާފައިވަނީ 62 ވަނަ މިނެޓުގައި މިސްލާވް އޯސިޗް ކާމިޔާބުކުރި ލަނޑުންނެވެ. އަދި 83 ވަނަ މިނެޓުގައި އޯސިޗް ވަނީ އިތުރު ލަނޑެއް ޖަހައި، އެގްރިގޭޓުން ނަތީޖާ ހަމަކޮށްފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގައި އޯސިޗް ވަނީ ހެޓްރިކް ހަދައި، ކުއާޓާގެ ޖާގައެއް ޒެގްރެބަށް ކަށަވަރުކޮށްދީފައެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގެ މެޗުތައް ބުރާސްފަތި ދުވަހުގެރޭ ކުޅުނުއިރު، ސްލާވިއާ ޕްރާގް ވަނީ 3-1 ގެ އެގްރިގޭޓުން ރޭންޖާސް ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައެވެ. އަދި 4-0 ގެ އެގްރިގޭޓުން ޑީނަމޯ ކިއޭވް ބަލިކޮށް ކުއާޓާއަށް ވިޔަރެއާލް ދަތުރުކުރިއިރު، އަޔަކްސްއިން ވަނީ 5-0 ގެ އެގްރިގޭޓުން ޔަންގް ބޯއީސް ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން 3-2 ގެ އެގްރިގޭޓުން މޯލްޑް ބަލިކޮށް ކުއާޓާއަށް ގްރަނާޑާ ދަތުރުކުރިއިރު، ރޯމާއިން ވަނީ 5-1 ގެ އެގްރިގޭޓުން ޝަޚްތަރު ޑޮނެސްކް ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާގެ ޖާގަތައް ޓީމުތަކުން ކަށަވަރުކުރިއިރު، ކުއާޓާ ފައިނަލުގެ ގުރުއަތުލުން އޮންނާނީ ހުކުރު ދުވަހުއެވެ.