ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން ދުވަސްވީ މީހެކެވެ. މިއާއެކު ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 65ށް އަރާފައެވެ.
އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގައި ފަރުވާ ދެމުންދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.
ބުރާސްފަތި ދުވަހު އިތުރު މީހަކު މި ބަލީގައި ނިޔާވެފައިވާއިރު، ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި، ބަންގުލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅުގައި، އުމުރުން ދުވަސްވީ މީހުން މިބަލީގައި ނިޔާވާ މިންވަރު މިވަނީ އިތުރުވާން ފަށާފައެވެ. ކޮވިޑްގެ ތިންވަނަ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު، ރައްޔިތުން ކޮވިޑް ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަޙްމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ. ޝަހީދު ވިދާޅުވީ ކޮވިޑްގެ ތިންވަނަ ރާޅާއެކު ކޭސްތައް އިތުރުވާ މިންވަރުވަނީ ބޮޑުތަނުން އިތުރުވެފައި ކަމަށާއި، އެއާއެކު އެޗްއީއޯސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް ބަލި އާންމުން ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށެވެ.
ކޮވިޑްގެ ކޭސްތައް 100ން މަތީގައި ރިޕޯޓް ކުރެވެމުން އަންނަ އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ އިތުރުވެ ނުރައްކަލުގެ ރަނގަބީލު ޖަހަން ފަށާފައެވެ. އެގޮތުން 121 މީހަކަށް މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.