ކޮވިޑް-19ށް އިތުރު 186 މީހަކު ޕޮޒިޓިވްވެ، 123 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް 4،688 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، 186 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 151 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރޭގެ ރަށްތަކުން 14 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ހިންގަމުންދާ ރިސޯޓުތަކުން 20 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އެޗްޕީއޭއިން ބުނީ 2،433 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 121 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.
މިހާތަނަށް 594،582 ސާމްޕަލެއް ނަގާފައިވާއިރު 22،147 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 19،642 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ.
މިބަލީގައި 65 މީހަކު ނިޔާވެފައިވެއެވެ.
ކޮވިޑް-19ގެ ތިންވަނަ ރާޅު ކުރިމަތިވީ މިދިޔަ ޖެނުއަރީ މަހުއެވެ. އޭރުން ފެށިގެން ކޮންމެ ދުވަހަކުވެސް ފެންނަ ކޭސްތަކުގެ އަދަދު 100ން މަތީގައި އަދި ގިނަ ދުވަސް ދުވަހު 150ން މަތީގައި ހުރުމަށް ފަހު މިމަހުގެ 13ވީ ހޮނިހިރު ދުވަހު 94 ކޭސް އަދި 14ވީ އާދިއްތަ ދުވަހު ރިޕޯޓު ކުރެވުނީ 96 ކޭސްއެވެ. އެދެ ދުވަހު 100ށް ދަށުން ކޭސްތައް ރިޕޯޓު ކުރެވުނު ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފައިވެއެވެ.
މީގެ އިތުރުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ވަނީ ދިގު ދަންމާލާފައެވެ.
އެޗްޕީއޭއިން އާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވިއެންގެވުމުގައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށް ޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅާންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މަރޗްމަހުގެ 4 ވަނަ ދުވަހު އަންގާފައިވާ އެންގުން އިތުރު 7 ދުވަހަށް އިތުރު ކުރުމަށް ނިންމި ނިންމުން މަރޗް މަހުގެ 18ން ފެށިގެން އިތުރު 7 ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ.