މިހާރު ހުރި ވެކްސިންތައް ބްރެޒިލް އިން ފެނިފައިވާ ކޮވިޑް ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަމަށް އޮކްސްފޯރޑް ޔުނިވަރސިޓީން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.
މިދިރާސާގައި ވަނީ ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް ވޭރިއަންޓްގެ ސަބަބުން ވެކްސިން އުފައްދާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވިކަން ފާހަގަކޮށްފައެވެ.
ކޮވިޑް-19 މިޔުޓޭޓްވަމުންދާ ސްޕީޑަކީ ސައިންސްވެރިންގެ ކަންބޮޑުވުމެކެވެ. އެއީ ފެންނަމުންދާ އައު ވޭރިއަންޓްތަކަށް އުފައްދަމުން އަންނަ ވެކްސިން މަސައްކަތްކުރާ މިންވަރު ކުޑަވެދާނެތީއެވެ. މީގެއިތުރުން ކުރީގެ ވޭރިއަންޓްތަކަށް ހަށިގަނޑުގައި އުފައްދައިދީފައި ހުންނަ އިމިޔުނިޓީ ލެވެލްއަށް އަނެއްކާވެސް ބަދަލުތަކެއް އަންނާނެތީއެވެ.
މިދިރާސާކުރިޔަށް ގެންދިޔުމަށްޓަކައި ސައިންސްވެރިން ބޭނުންކޮށްފައިވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންނާއި އެސްޓްރަޒެނިކާ އަދި ފައިޒަރ ވެކްސިން ދީފައިވާ މީހުންގެ ލޭގެ ސާމްޕަލެވެ.
މިދިރާސާ ކުރުމަށް އިނގިރޭސިވިލާތުން މީހުންގެ ސާމްޕަލްތައް ނަގާފައިވާއިރު މިޑާޓާތަކުން ހާމަވެފައިވަނީ ވެކްސިންތަކުން އުފައްދާ އެންޓިބޮޑީސް އިން ބްރެޒިލްގެ ވޭރިއަންޓްގެ ވައިރަސްގެ އަސަރު ތިން ގުނައަށް ކުޑަކޮށްދޭކަމަށެވެ. މިއީ އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއަންޓްކަމުގައިވާ ކެންޓާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރާއި ދާދި އެއްވަރެކެވެ.
"މިޑާޓާތަކުން އެނގުނު އެއްޗަކީ ވެކްސިނުން އުފައްދާ އެންޓިބޮޑީސް އަށް މިވޭރިއަންޓްތަކުގެ ވައިރަސްގެ އަސަރު ކުޑަކުރެވޭކަން. ނަމަވެސް އެކަން ކުރެވޭ މިންވަރު ދަށް." ދިރާސާގައި ބުނެފައިވެއެވެ.
އެންމެ މުހިންމުކަމެއްގެ ގޮތުގައި ބްރެޒިލްގެ ވޭރިއަންޓަށް އެންޓިބޮޑީސް އިން ކުރާ އަސަރު ކުރިން ހީކުރި މިންވަރަށްވުރެ ކުޑަވެދާނެކަމަށް މިދިރާސާގައި ބުނެފައިވެއެވެ.
ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ވޭރިއަންޓަށް އެސްޓްރަޒެނިކާ ވެކްސިނުން ވަނީ ވައިރަސްގެ އަސަރު ނުވަގުނަ ދަށްކޮށްދީފައެވެ. އަދި ފައިޒަރ ވެކްސިނުން ދެކުނު އެފްރިކާ ވޭރިއަންޓުގެ ވައިރަސްގެ އަސަރު 7.6 ގުނަ ދަށްކޮށްދެއެވެ.
މިދިޔަ މަހު ދެކުނު އެފްރިކާއިން ވަނީ އެސްޓްރަޒެނިކާ ވެކްސިނުން ދެކުނު އެފްރިކާ ވޭރިއަންޓްގެ އަސަރު އެންމެ ކުޑަކޮށް އަދި މެދުމިނާ ހިސާބަށް ކުރާ މީހުންނަށް ރައްކާތެރިކަންދޭ މިންވަރު ދަށްކަމުން އެވެކްސިން ޖެހުން މެދުކަނޑާލާފައެވެ.
މިދިރާސާކުރި ފަރާތްތަކުން ބުނާގޮތުގައި ދެކުނު އެފްރިކާގެ ވޭރިއަންޓާދެކޮޅަށް އުފައްދަމުން އަންނަ ވެކްސިންތައް އެއީ ދުނިޔޭގައި ފެންވަރުގައި ވެކްސިން އުފައްދަމުން އަންނަ ފަރާތްތަކުން އެންމެ އިސްކަންދޭންޖެހޭ ވެކްސިންކަމުގައެވެ.
އޮކްސްފޯރޑް ޔުނިވަރސިޓީގެ ވެކްސިން ޓްރެއަލްގެ ޗީފް އިންވެސްޓިގޭޓަރ އެންޑްރޫވް ޕޮލަރޑް ވިދާޅުވީ ދިރާސާއިން ހާމަވެގެންދިޔަ އައު ކަންތައްތަކަކީ ކުރިޔަށް އޮތްތަނުގައި ދިމާވާނެ ގޮންޖެހުންތަކުން އަރައިގަނެ މި ޕެންޑަމިކް ނިމުމަކަށް ގެނައުމަށް އެހީތެރިވެދޭ ކަންތައްތަކެއް ކަމަށެވެ.